Roadha Mihaaru

ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަނީ

ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 ޖުލައި 2025

ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީންގެ އިއުލާނުގައިވާ ގޮތުން ފުލުހުންގެ މަރުކަޒު އަޅަން ނިންމާފައި ވަނީ، ލ. މާވަށާއި މ. މުއްޔާއި ރ. މަޑުއްވަރި އާއި ށ. ފީވަކާއި ތ. ތިމަރަފުށީގެ އިތުރުން އެ އަތޮޅު ވޭމަންޑޫގަ އެވެ. މި ތަންތަން އިމާރާތްކޮށްދިނުމުގެ އިތުރުން ހދ. ދިއްދު އާއި ހދ. ކުޅުދުއްފުށީގައި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތް ކުރާނެ ބަޔަކު ހޯދަމުން އަންނަ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އެ ބީލަންތަކުގެ ބިޑު ސެކިއުރިޓީގެ އަގު އުޅެނީ 72،250ރ. އާއި 212،500ރ. އާ ދެމެދުގަ އެވެ. ކޮންމެ ބީލަމެއްގައި ބައިވެރިވާން 500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ. އެ ފައިސާ ބަލައިގަންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީލަން ކުރިއަށް ގެންދާނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުތަކުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 29 ވާ އަންގާރަ ދުވަހުގެ 1:00 ގެ ކުރިންނެވެ. ބިޑް ހުޅުވުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ 10:00 ގަ އެވެ.

ހަ ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅާނެ ބަޔަކު ހޯދަން އިއުލާނުކުރި އިރު މިދިޔަ މާޗު މަހު ވަނީ މީހުން ދިރިއުޅޭ 70 އަށްވުރެ ގިނަ ރަށުގައި ޕޮލިސް ސްޓޭޝަންތައް އަޅަން ތިން ކުންފުންޏަކާ ވެސް ހަވާލުކޮށްފަ އެވެ. އެއީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި 40 ޕޮލިސް ސްޓޭޝަނާއި އާރުޑީސީއާ ހަވާލުކުރި 20 ޕޮލިސް ސްޓޭޝަނުގެ އިތުރުން އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރަން އެއްބަސްވި 15 ޕޮލިސް ސްޓޭޝަނެވެ.