Roadha Mihaaru

ޕޮލިސް ސްޓޭޝަންތަކުގެ ކުއްޔަށް މިދިޔަ އަހަރު 15 މިލިއަން ރުފިޔާ

އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކުގެ ކުއްޔަށް މިދިޔަ އަހަރު 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޕޮލިސް ސްޓޭޝަންގެ ކުއްޔަށް މިދިޔަ އަހަރު 15 މިލިއަން

އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކުގެ ކުއްޔަށް މިދިޔަ އަހަރު 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދޭން 146 ތަނެއް ހިންގަ އެވެ. އެއީ 89 ޕޮލިސް ސްޓޭޝަނަކާއި 44 ޕޮލިސް ޕޯސްޓު އަދި 13 ޕޮލިސް ޑެސްކެވެ.

އޭގެ ތެރެއިން ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ހިންގަނީ އެންމެ 15 ތަނެވެ. އަދި އެ ހިދުމަތް ދިނުމަށް 97 ތަނެއް ކުއްޔަށް ނަގައިގެން ހިންގާ ކަމަށް ވެސް އިއްޔެ ހިއްސާކުރި މައުލޫމާތުތަކުގައިވެ އެވެ. ބާކީ 34 ތަން ހިންގަނީ ކުއްޔަކާ ނުލަ އެވެ.

ރަށްރަށުގައި ފުލުހުންގެ ހިދުމަތް ދިނުމަށް ކައުންސިލް އިދާރާގެ އިމާރާތްތަކާއި އަމިއްލަ މީހުންގެ ތަންތަން ބޭނުންކުރެ އެވެ.

ޕޮލިސް ސްޓޭޝަންތަކުގެ ކުއްޔަށް އެކަނި ވެސް މިދިޔަ އަހަރު 15.6 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެއީ، ފުލުހުންގެ މިދިޔަ އަހަރުގެ 2.1 ބިލިއަން ރުފިޔާގެ ބަޖެޓުގެ އެއް ޕަސެންޓެވެ.

ކުލި ދައްކާ އިމާރާތްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އެ ތަނުގެ ކުއްޔަށް މަހަކު 150،000ރ. ދައްކަ އެވެ.

އެ ތަނުގައި ޕޮލިސް ސްޓޭޝަން ހިންގަން ސޮއިކުރީ އޮކްޓޯބަރު 6، 2022 ގަ އެވެ. އެއީ ދެ އަހަރާއި ހަ މަސް ދުވަހަށެވެ. އެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް، އެގްރިމެންޓުގެ މުއްދަތާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.

އަމިއްލަ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން އެންމެ ކުޑަ ކުއްޔެއް ދައްކަނީ ލ. މާބައިދޫ ޕޮލިސް ސްޓޭޝަނަށެވެ. އެއީ 7،000ރ. އަށެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ ޖެނުއަރީ 1، 2024 ގައި ތިން އަހަރުގެ މުއްދަތަށެވެ.

ފުލުހުންގެ އަމިއްލަ ޕޮލިސް ސްޓޭޝަންތައް މަދުވުމުން ސަރުކާރުން ވަނީ 75 ރަށުގައި އާ އިމާރާތްތައް އަޅަން ތިން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

އާރުޑީސީއާ ފެނަކަ އަދި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ތެރެއިން ބައެއް ސްޓޭޝަންތައް މި އަހަރު ނިންމާނެ އެވެ.

މިނިސްޓްރީން ބުނީ އެއީ ފުލުހުންގެ 91 އަހަރުވީ ތާރީހުގައި މިހާތަނަށް ހިންގޭ އުމްރާނީ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އެ މަސައްކަތްތައް ނިމުމުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް، ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ އަދި ޒަމާނީ މަރުކަޒުތައް ގާއިމްކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.