Roadha Mihaaru

އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް އީދު ފާހަގަކުރަން އެދިއްޖެ

ރާއްޖޭގެ ރަށްރަށުގައި އީދު ފާހަގަކުރާއިރު އިސްލާމީ މިންގަނޑުތަކާއި ހުދޫދުތަކުގެ ތެރެއިން އީދުގެ އުފާ ފާޅުކުރުމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އިސްލާމީ ހުދޫދުގެ ތެރޭގައި އީދު ފާހަގަކުރަން އެދިއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 ޖޫން 2025

ރާއްޖޭގެ ރަށްރަށުގައި އީދު ފާހަގަކުރާއިރު އިސްލާމީ މިންގަނޑުތަކާއި ހުދޫދުތަކުގެ ތެރެއިން އީދުގެ އުފާ ފާޅުކުރުމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ކުލަ ގަދަކޮށް ބޮޑު އީދު ފާހަގަކުރާ ބައެއް ކަމަށާއި އޭގެ ސަބަބުން ދިވެހިންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ ދިވެހިންގެ އިޖުތިމާއީ ގުޅުން ބަދަހިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ކުދިބޮޑު އެންމެން، އީދުގެ އުފަލުގައި ބައިވެރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވަ އެވެ.

"އިސްލާމީ އުސޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށްރަށެއްގައި ވެސް އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

އެހެންވެ، މި އަހަރު ބޮޑު އީދު ފާހަގަކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި އިސްލާމްދީނުގައި ހުއްދަ ކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލު ކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

މިނިސްޓްރީން ވަނީ އީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށް ދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިންކަން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ވެސް ކަށަވަރުކުރުމަށް އަންގައިފަ އެވެ.

މި އަހަރުގެ ބޮޑު އީދު ވަނީ އަންނަ ހުކުރު ދުވަހަށެވެ. އާންމުކޮށް ރާއްޖޭގެ ރަށްރަށުގައި ހަތަރު ދުވަހަށް ބަހާލައިގެން އީދުގެ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.