Roadha Mihaaru

މާލެ ސަރަހައްދުގައި ވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރާނެ: އެމްއެންޑީއެފް

ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަށް އޮތް އަޟްހާ އީދުގެ އުފާ މާލޭގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

މާލޭގައި ވެސް ގައުމީ ފެންވަރުގައި އީދު ފާހަގަކުރަނީ

ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރިއަށް އޮތް އަޟްހާ އީދުގެ އުފާ މާލޭގައި ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ "އީދު ހަވީރު 1446" ގެ ނަމުގައި މާލެ ސަރަހައްދުގައި މި ފަހަރުގެ ބޮޑު އީދު ފާހަގަކުރާނީ ގައުމީ ފެންވަރުގައި ކަމަށެވެ.

ސިފައިން ބުނީ، އީދު ދުވަސް ކަމަށްވާ އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެ ހަރަކާތްތައް އޮންނާނެ ކަމަށެވެ. ހަރަކާތްތައް ބާއްވަނީ މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހުޅުމާލޭ 2ގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ. ގަޑިއަކީ އެ އިން ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:30 އިން ފެށިގެންނެވެ.

"ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތްތައް އިންތިޒާމް ކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތައް ހިމަނައިގެންނެވެ. އެގޮތުން، މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަގާފަތާއި އިހުގައި ދިވެހީން ކުޅެ އުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޒަމާނީ ކެރެކްޓާތައް ފިއުޝަން ގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައި ވެ އެވެ،" އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ވެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، މިނިސްޓްރީތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެން ކަމަށް ސިފައިން ބުންޏެވެ.

މާލެ ސަރަހައްދުގައި ބާއްވާ އީދު ހަވީރުގައި އެމްއެންޑީއެފްގެ ހާއްސަ ހަރަކާތްތަކެއް ވެސް އޮންނާނެ އެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުސަުތު ފަހިކޮށްދޭނެ ކަަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ސިފައިންގެ ބޭންޑުގެ ހަރަކާތްތަކާއި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ފެންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި އަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރާ ރަށްތަކުގެ ތެރޭގައި ދެން ހިމެނެނީ ހއ. ކެލާ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމެވެ. އެ ތިން ރަށަށް މިހާރު ވެސް ގިނަ ބަޔަކު ގޮސްފަ އެވެ.