Roadha Mihaaru

އީދުގެ ހަރަކާތްތައް ފެށުމަށް މިރޭ ހުޅުމާލޭގައި އީދު މަޅި ރޯކުރަނީ

މި އަހަރުގެ އަޟްހާ އީދުގެ ކުޅިވަރުތައް ފެށުމުގެ ގޮތުން މިރޭ ހުޅުމާލޭގައި އީދު މަޅި ރޯކުރަން ތައްޔާރުވާން ފަށައިފި އެވެ.

އީދު ފަށަން މިރޭ ހުޅުމާލޭގައި އީދު މަޅި ރޯކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

05 ޖޫން 2025

މި އަހަރުގެ އަޟްހާ އީދުގެ ކުޅިވަރުތައް ފެށުމުގެ ގޮތުން މިރޭ ހުޅުމާލޭގައި އީދު މަޅި ރޯކުރަން ތައްޔާރުވާން ފަށައިފި އެވެ.

އެޗްޑީސީން ބުނީ މިރޭ 8:30 ގައި ބޮޑު އީދުގެ ކުޅިވަރުތައް ފަށާނީ އީދު މަޅި ރޯކުރުމުން ކަމަށެެވެ. އެ ތައްޔާރީތައް އެ ކުންފުނީގެ އެކްސް އެކައުންޓުގައި ވަނީ އާންމު ކޮށްފަ އެވެ.

ހުޅުމާލޭގެ ގެސްޓް ހައުސްތައް ހުންނަ ދިމާލުން ބޭރުން މޫދުގައ އީދު މަޅި ރޯކުރަން ފަންގަނޑުތައް އަތުރާ މަންޒަރު ވީޑިއޯގައި ފެނެ އެވެ.

އެޗްޑީސީން ބުނީ މި އަހަރު ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ހުޅުމާލޭ ރުއްގަނޑު އެކެއްގައި މިރޭ އޮންނާނީ އީދު ވެދުމާ ދިއުމާއި އީދު މަޅި ރޯކުރުމުގެ އިތުރުން ބޮޑުބެރުގެ ޝޯއެކެވެ.

އެޗްޑީސީން ބުނިގޮތުގައި އީދުގެ ފުރަތަމަ ތިން ދުވަހުގައި ވެސް ފޯރިގަދަ ހަރަކާތްތަކެއް ސެންޓްރަލް ޕާކާއި ހިޔާ ޕާކު ހިމެނޭ ސަރަހައްދުގައި ކުރިއަށް ގެންދާނެ އެވެ.

ހުޅުމާލޭގައި އީދު ފާހަގަކުރުމުގެ ތާވަލް:

- ބުރާސްފަތި ދުވަސް: ވެދުމާ ދިޔުން، އީދު މަޅި، ބޮޑުބެރު (ރުއްގަނޑު 1 ގައި 8:30 އަދި ހުޅުމާލެ 2 ގެ ޗެނަލް ބީޗުގައި 9:00 ގައި)

- ހުކުރު ދުވަސް: އުލްހިޔާ ކަތިލުމާއި އީދު ބޮނޑިބަތް (އީދު ނަމާދަށް ފަހު، ހުޅުމާލޭ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައި)

- ހުކުރު ދުވަސް: ވޯޓާ ސްޕޯޓްސް އިވެންޓު (ހަވީރު 4 އިން 5:30 އަށް ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުގައި)

- ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކާއި ހިޔާ ޕާކު ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާނެ.

ކޮންމެ ދުވަހެއްގެ ވެސް ހަވީރު ބާއްވާ އެ ހަރަކާތްތަކުގައި ކުޑަކުދިންނާއި އާއިލާތަކުން ބައިވެރިވުމަށް އެޗްޑީސީން އެދިފައިވެ އެވެ. މި އީދަކީ އެންމެން އެއްތަނަކުން ދިމާވެ، އެއްބައިވަންތަކަމާ އެކު ފާހަގަކުރާ އީދަކަށް ވުމަށް އުއްމީދުކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޮންމެ އަހަރެއްގެ އީދާ ދިމާކޮށް ހުޅުމާލޭގައި އީދު ކުޅިވަރުތައް ބާއްވަ އެވެ. އެކަމަކު އީދު މަޅި ރޯކުރުމަކީ މި ފަހަރު މުޅިން އަލަށް ކުރާ ކަމެކެވެ.

ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން މި ފަހަރުގެ އަޟްހާ އީދުގެ އުފާ މާލޭގައި ކުލަގަދަކޮށް ފާހަގަކުރަން އެމްއެންޑީއެފުން ވަނީ ނިންމައިފަ އެވެ. ހަރަކާތްތައް ބާއްވަނީ މާލޭގެ ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ހުޅުމާލޭ 2 ގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ. ގަޑިއަކީ އެ އިން ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:30 އިން ފެށިގެންނެވެ.

ރާއްޖޭގެ ރަށްތަކުގައި ކޮންމެ އަހަރަކު ވެސް ކުލަގަދަކޮށް އީދު ފާހަގަކުރާތީ ގިނަ ބަޔަކު އަބަދުވެސް ރަށްތަކަށް ދަތުރުކުރެ އެވެ. އެހެންވެ، މި ފަހަރު ވެސް ބޮޑު އީދާ ދިމާކޮށް ލިބުނު ޗުއްޓީއާ އެކު ގިނަ ބަޔަކު ވަނީ އެކި ރަށްތަކަށް ފުރައިފަ އެވެ.