Roadha Mihaaru

ކަރަންޓު ނެތް ވަގުތު ހިލޭ ބަހުގައި ދަތުރުކުރެވޭ ގޮތަށް ހަަމަަޖައްސައިފި

މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާތީ އެމްޓީސީސީ ބަހުގެ ހިދުމަތް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކަރަންޓު ނެތް ވަގުތު ހިލޭ ބަހުގައި ދަތުރުކުރެވޭނެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 ޖޫން 2025

މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާތީ އެމްޓީސީސީ ބަހުގެ ހިދުމަތް ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްޓީސީސީން ބުނީ ގްރޭޓާ މާލޭ ސަރަަހައްދުން ކަރަންޓު ކެނޑުމާ ގުޅިގެން ބަހާއި ފެރީގެ ހިދުމަތުގެ ޓިކެޓު ނެގުމަށް ބުރޫއަރާފައިވާ ކަމަށެވެ. އެކަމަކު އާންމު ދަތުރުފަތުރުގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

"ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހެންދެން ބަހުގައި ހިލޭ ދަތުރުކުރެވޭނެ ވާހަކަ ދަންނަވަމެވެ." އެމްޓީސީސީން އެކްސްގައި އާންމުކުރި ޕޯސްޓުގައިވެ އެވެ.

މާލެއާއި ހުޅުމާލެއިން ކަރަންޓު ދިޔައީ 12:45 ހާއިރެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެންނެވެ.

ގްރޭޓާ މާލޭ ސަރަހައްދުގެ ހޮސްޕިޓަލުތަކާއި އެއާޕޯޓުން ވެސް ކަރަންޓު ކެނޑި ހިދުމަތް މެދުކެނޑުނު ނަމަވެސް މިހާރު އެތަންތަނަށް ކަރަންޓު ވަނީ ދީފަ އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑެެން ދިމާވި މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އެބަދާ ކަމަށާއި މާލަސްތަކެއް ނުވެ ކަރަންޓު ދެވޭނެ ކަމަށެވެ.

ކަރަންޓު ކެނޑުމުން މެންދުރު ދަންފަޅީގެ ކިޔެވުން މެދުކަނޑާލައި ސްކޫލުތަކުން ވަނީ ކުދިން ގެއަށް ފޮނުވާލައިފަ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު މާލެ އާއި ހުޅުމާލެއިން އެއްކޮށް ކަރަންޓު ކެނޑިފައިވާއިރު އެ މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ކަމާ ގުޅޭ އިދާރާތަކަށް އަންގަވައިފަ އެވެ.

"މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން،" ހައްޖުގެ އަޅުކަމަށް މި ވަގުތު ސައުދީގައި ހުންނެވި ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައިވެ އެވެ.

ރައީސްގެ ޕޯސްޓަށް ފަހު ފުލުހުން ވެސް ވަނީ ކަރަންޓު ކެނޑުނު މައްސަލަ ބަލަން ހާއްސަ ތަހުގީގެއް ފަށާފައިވާކަމަށް ބުނެފަ އެވެ.