މިދިޔަ މެއި މަހުގެ ކަރަންޓު ބިލް ބޮޑު ކަމަށް ދައްކަނީ ކުރިން ޑިސްކައުންޓް ދީފައިވާ ބިލްތަކާ އަޅާ ކިޔާތީ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
04 ޖޫން 2025
މިދިޔަ މެއި މަހުގެ ކަރަންޓު ބިލް ބޮޑު ކަމަށް ދައްކަނީ ކުރިން ޑިސްކައުންޓް ދީފައިވާ ބިލްތަކާ އަޅާ ކިޔާތީ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން އެހެން ބުނީ، މިދިޔަ މަހުގެ ކަރަންޓު ބިލްތައް، އަލަށް ކަނޑައެޅި ކުޑަ ޓެރިފް ރޭޓުން ހެދުމުން ވެސް މާ ބޮޑު ކަމަށް ބުނެ ބިލްތަކުގެ ސްކްރީންޝޮޓް ސޯޝަލް މީޑިއާގައި އާންމުކޮށް ބައެއް މީހުން ފާޑުކިޔަން ފެށުމުންނެވެ. އާންމުންގެ ބައެއް މީހުން ހިތްހަމަނުޖެހުންތަކާ އެކު، މިދިޔަ ތިން މަހުގެ ބިލްތައް އަޅާކިޔައި ދަނީ ޝަކުވާކުރަމުންނެވެ. މިދިޔަ މަހު ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައި ހުރި ބިލްތައް ވެސް، އޭގެ ކުރީގެ މަސްތަކުގެ ބިލަށް ވުރެ ބޮޑީ ކީއްވެތޯ މީހުން ސުވާލުކޮށްފައި ވެ އެވެ.
މިކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ގިނަ މީހުން ސޯޝަލް މީޑިއާގައި އަޅާކިޔާފައި ހުރި ދެ ބިލަކީ ވެސް ޑިސްކައުންޓް ދީފައި ހުރި ބިލްތައް ކަމަށެވެ. ސަރުކާރުން ވަނީ ރޯދަ މަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު މަހަކަށް ވާތީ އާއި މިދިޔަ މާޗް އަދި އޭޕްރީލް މަހަކީ ހޫނު ގަދަވުމުން ކަރަންޓު ބޭނުންކުރުން އިތުރުވާ މަސްތަކަކަށް ވާތީ ބިލްތަކުން ޑިސްކައުންޓް ދީފަ އެވެ.
ސްޓެލްކޯގެ އޮފިިޝަލް ވިދާޅުވި ގޮތުގައި އެ ދެ މަހު ކަރަންޓު ބޭނުންކުރި އަދަދާއި މިދިޔަ މަހު ކަރަންޓު ބޭނުންކުރި އަދަދު ބެލުމުން ވެސް އެއީ ޑިސްކައުންޓް ދީފައިވާ ބިލެއްކަން އެނގޭނެ އެވެ.
"ގިނަ މީހުން ސޯޝަލް މީޑިއާގައި ކޮމްޕެއާ ކޮށްފައި ހުރީ މިދިޔަ ދެ މަހުގެ ބިލާ. އެއީ ޑިސްކައުންޓެޑް ބިލެއް. އެހެންވީމާ އަސްލު އިންނާނީ ޑިސްކައުންޓް އެމައުންޓް ފެންނަން ވެސް. ބޭނުންކޮށްފައި ހުރި ޔުނިޓަށް ބެލީމާ އަސްލު އެނގޭނެ ޑިފަރެންސް،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މަހަކީ ވެސް ހޫނު ގަދަ މަހަކަށް ވުމަކީ ކަރަންޓު ބޭނުންކުރި މިންވަރު އިތުރު ވެދާނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ކަރަންޓު އިގްތިސާދު ކުރުމަށް އެދި ސްޓެލްކޯ އިން ބުނީ ކަރަންޓު މީޓަރުގެ މައްސަލައެއް އުޅޭތޯ ޔަގީން ކުރަން ހުރިހާ ކަރަންޓު ސާމާނެއް ނިއްވާލައި، އެގޮތަށް ހުންނައިރު ވެސް ކަރަންޓު މީޓަރު ހިނގާތޯ ބެލިދާނެ ކަމަށެވެ. ކަރަންޓު ކަނޑާލުމުން ވެސް މީޓަރު ހިނގާ ނަމަ އެއީ މީޓަރުގެ މައްސަލައެއް އުޅެނީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް ނުވަތަ އާންމު ގޭބީސީތަކުގެ ކަރަންޓު ޓެރިފް ރޭޓުތައް މި މަހުގެ 1 އިން ފެށިގެން ދަށްކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެއާ އެއްގޮތަށް އަމަލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މޭ މަހުގެ 30 ގައި އަންގަވައިފަ އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ރައީސްގެ ނިންމެވުމާ އެއްގޮތަށް މިދިޔަ މޭ މަހުގެ ކަރަންޓު ބިލްތައް ތައްޔާރު ކޮށްފައިވަނީ އަގު ހެޔޮކޮށްފައިވާ ޓެރިފް ރޭޓްގަ އެވެ. އެހެންވެ ބިލަށް ލުޔެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެެ.
ކަރަންޓަށް ބިލް ކުރަނީ ބޭންޑުތަކަށް ބަހާލައިގެންނެވެ. އެ ބޭންޑުތައް ހަދާފައިވަނީ މަދުން ކަރަންޓު ބޭނުންކުރާ ނަމަ ދަށް ރޭޓްތަކުން ބިލްކުރާ ގޮތަށެވެ. އަދި ބޭނުންކުރާ ކަރަންޓުގެ މިންވަރު އިތުރުވުމުން އަގު ބޮޑު ރޭޓްތަކުގެ ބޭންޑުން ބިލްކުރާނެ އެވެ. މިގޮތަށް ހެދުމުގެ މައިގަނޑު ބޭނުމަކީ ފޯރުންތެރިކަން ކުޑަ ގޭބިސީތަކަށް ދަށް ރޭޓެއްގައި ބިލްކުރުމުގެ ފުރުސަތު ބޮޑުކުރުމާއި މަދުން ކަރަންޓު ބޭނުންކުރުމަށް ހިތްވަރު ދިނުމެވެ.
މޭ މަހުގެ ބިލް ވެސް ހެދީ އަގުހެޔޮ ޓެރިފް ރޭޓްގައި
އާންމުހާލަތަށް ދެވެންދެން ސަލާމަތީ ކަންކަން ބަލަނީ
ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް ފެންނާކަށް ނެތް
ކަރަންޓު ކެނޑުނު ސަބަބު ދިރާސާ އެބަކުރަން: ތޯރިގު
ފަސް ގަޑިއިރު ފަހުން މުޅި މާލެއަށް ކަރަންޓު ދީފި
އިރުއޮއްސުމުގެ ކުރިން ކަރަންޓު ދެވޭނެ: ސްޓެލްކޯ
ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސްކޮށް ބަލަނީ
މިހާރު ވަނީ ބޮޑު ސަރަހައްދަކަށް ކަރަންޓު ދީފައި: ސްޓެލްކޯ
ކަރަންޓު އަގުތައް ދެމެހެއްޓެނިވި ގޮތުގައި މެނޭޖުކުރެވޭނެ
ކަރަންޓުގެ ޓެރިފް ރޭޓު ދަށްކުރަނީ