Roadha Mihaaru

ކަރަންޓު ކެނޑުނު މައްސަލަ: މާލޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ހަރަކާތްތެރިވަނީ!

މުޅި މާލެއިންނާއި ހުޅުމާލެ އިން އެއްކޮށް މިއަދު މެންދުރު 12:40 ހާއިރުން ފެށިގެން ފަސް ގަޑިއެއްހާއިރު ވަންދެން ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފި އެވެ.

އާންމުހާލަތަށް ދެވެންދެން ސަލާމަތީ ކަންކަން ބަލަނީ

މުޅި މާލެއިންނާއި ހުޅުމާލެ އިން އެއްކޮށް މިއަދު މެންދުރު 12:40 ހާއިރުން ފެށިގެން ފަސް ގަޑިއެއްހާއިރު ވަންދެން ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފި އެވެ.

މިއަދުގެ އިރުއޮއްސި 6:30 ވާން އުޅެނިކޮށް މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯ އިން ފެށި ފަހުން ފުލުހުން "އެކްސް" ގައި ބުނީ، ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުކޮށް، އާންމު ހާލަތަށް ރުޖޫއަ ވެވެންދެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ "ހާއްސަ މަސައްކަތްތައް" ކުރިއަށް ގެންދާނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވައިދޭ ގްރިޑުގެ ކަނެކްޝަނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑުމާ އެކު ފުލުހުން ވަނީ އެކަން ހިނގި ގޮތް ބެލުމުގެ ތަހުގީގެއް ފަށާފައިވާކަން ވެސް އިއުލާންކޮށްފަ އެވެ.

ހައްޖުގެ އަޅުކަމަށް މި ވަގުތު ސައޫދީގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރާއްޖޭގެ ވެރިރަށް މާލެ އިން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކަމެއްގެ ގޮތުގައި ބަލަން ކަމާގުޅޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ފޯރުކޮށްދޭ ގްރިޑްގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ފެންނަން ނެތް ކަމަށެވެ.

ވިލިމާލެ ފިޔަވައި މާލެ ސަރަހައްދުގެ ވަރަށް ބޮޑު ބަޔަކުން ކަރަންޓުގެ ހިދުމަތް ކެނޑުމާ ގުޅިގެން ހަވީރު ބޭއްވި މީޑިއާ ބްރީފިންއެއްގައި ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވީ، މިހާތަނަށް ބެލިއިރުގައި "ބޮޑު އިކުއިޕްމަންޓެއް" ހަލާކުވެ އަދި "ބޮޑު ޓްރާންސްފޯމަރެއް" ގެ މައްސަލަ ވެސް ޖެހިފައި ނެތް ކަމަށެވެ.

"މެއިން އެއްވެސް ނެޓްވޯކެއްގެ މޭޖާ އެއްވެސް ކޮމްޕޯނަންޓެއްގެ މައްސަލައެއް ޖެހިފައެއް ނެތް،" ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވި އެވެ.

އެ ބޭފުޅުން ވިދާޅުވީ، ހަގީގީ މައްސަލަ ދަނެގެވޭނީ ހުރިހާ ސިސްޓަމްތައް އެނަޖައިޒް ކުރުމަށް ފަހު ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެނީ ކަރަންޓު އަލުން ދޭން ކަަމަށެވެ. މުޅި ސިސްޓަމް އެނަޖައިޒް ކުރަން ވެސް ވަގުތު ނަގާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލުން ވިދާޅުވި އެވެ.