Roadha Mihaaru

ކަރަންޓު ފޮށީގެ ކޭބަލްތައް ބުރިކޮށްލި މީހާ ހައްޔަރުކޮށްފި

ޗާނދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެ އާއި ބައެއް ގެތަކަށް ކަރަންޓު ދޭން ބޭނުންކުރާ ފޮއްޓެއްގެ ހުރިހާ ކޭބަލެއް ބުރިކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ކަރަންޓު ކޭބަލްތައް ބުރިކޮށްލި މީހާ ހައްޔަރުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

23 މެއި 2025

ޗާނދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެ އާއި ބައެއް ގެތަކަށް ކަރަންޓު ދޭން ބޭނުންކުރާ ފޮއްޓެއްގެ ހުރިހާ ކޭބަލެއް ބުރިކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކުށުގެ ވެށިން ހައްޔަރުކުރީ އިސްމާއިލް ސަމީމް، ށ. މިލަންދޫ، ނަސީމީވިލާ ކަމަށެވެ. އެއީ އުމުރުން 29 އަހަރުގެ މީހެކެވެ.

ފުލުހުން ބުނި ގޮތުގައި ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުން ދިނުމުގެ ސަބަބުން އެ ސަރަހައްދުގެ ހަތް ގެއަކުން ކަރަންޓު ކެނޑިފައިވެ އެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ "މިހާރު" އަށް ވިދާޅުވީ އެމްޑީޕީ ހަރުގެ އާއި ގެތަކަށް ކަރަންޓު ކެނޑިފައި ވާތީ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަކު ކަރަންޓު ދެވޭނެ ވަކި އިރެއް ނޭނގޭ ކަމަށެވެ.

ކަރަންޓު ކޭބަލްތައް ބުރިކޮށްލާފައި ވަނީ އެމްޑީޕީން މިރޭ ކުއްލި އެއްވުމެއް ހަރުގެއިން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ. އެހެންވެ މިއީ އެކަމާ ގުޅުވައިގެން ބަޔަކު ކުރި ކަމެއްގެ ގޮތުގައި ވެސް ތުހުމަތުކޮށްފައިވެ އެވެ.

ކަރަންޓު ކޭބަލްތައް ބުރިކޮށްގެން ވަގަށް ނެގުމަކީ ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. މިކަން ކުރަނީ ކޭބަލްގައި ހުންނަ ލޮއެ ވިއްކައިގެން ފައިސާ ހޯދުމަށެވެ.