Roadha Mihaaru

އެމްޓީސީސީގެ ފައިދާ 53 ޕަސެންޓް ދަށަށް

އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ 53 ޕަސެންޓު ދަށްވެއްޖެ އެވެ.

އެމްޓީސީސީގެ ފައިދާ 53 ޕަސެންޓް ދަށަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

03 ޖޫން 2025

އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ 53 ޕަސެންޓު ދަށްވެއްޖެ އެވެ.

އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 45 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު ފައިދާ އަށް ވުރެ 52 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެމްޓީސީސީ އަށް 2023 ވަނަ އަހަރު ފައިދާގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްޓީސީސީއަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން އަދި ޑްރެޖިން ދާއިރާގެ އާމްދަނީ 37 ޕަސެންޓަށް ދަށްވުމުންނެވެ. ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 80 ޕަސެންޓް ހޯދަނީ އެ ދާއިރާއިންނެވެ.

މިދިޔަ އަހަރު ކޮންސްޓްރަކްޝަން އާއި ޑްރެޖިން ދާއިރާއިން އެމްޓީސީސީގެ އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ އެއް ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު ޑްރެޖިން ދާއިރާ އިން 2.8 ބިލިއަން ރުފިޔާ ލިބުނެވެ.

ޑްރެޖިންގެ އާމްދަނީ ދަށްވި އިރު ޓްރާންސްޕޯޓު ދާއިރާ އާއި ޓްރޭޑިން ދާއިރާއިން ކުރިއެރުންތަކެއް ވަނީ ހޯދައިފަ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީ ވެސް ވަނީ 33 ޕަސެންޓު ދަށްވެފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ 2023 ވަނަ އަހަރަށް ވުރެ 1.1 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެމްޓީސީސީ އަށް 2023 ވަނަ އަހަރު 3.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު އެއީ މިދިޔަ ފަސް އަހަރު ތެރޭ އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ.

މިދިޔަ ފަސް އަހަރުގެ ހިސާބުތަކަށް ބަލާއިރު، އެމްޓީސީސީ އަށް އެންމެ ބޮޑު ފައިދާއެއް ވަނީ 2021 ވަނަ އަހަރު އެވެ. އެ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 232 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކުންފުނީގެ އާމްދަނީ އާއި ފައިދާ ދަށްވި ނަމަވެސް، ގިނަ އަދަދެއްގެ ޕްރޮޖެކްޓްތައް އެއްފަހަރާ މިހާރު ހިންގާތީ، ހަރަދު ކުޑަކުރުމަށް ފިޔަވަޅެއް އަޅަން ދަތިވެފައިވާ ކަމަށް ވެސް އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ސަބަބަކީ، ޕްރޮޖެކްޓެއް ހުއްޓާލުމުން ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރަށް ބޮޑުވެދާނެތީ އެވެ.