Roadha Mihaaru

އެމްޓީސީސީގެ ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 2.ރ ބަހަން ފާސްކޮށްފި އެވެ.

އެމްޓީސީސީގެ ހިއްސާއަކަށް 2ރ. ބަހަން ފާސްކޮށްފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

17 ޖޫން 2025

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 2.ރ ބަހަން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގަ އެވެ. މި އަދަދު ބަހަން ފާސްވީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.5 ޕަސެންޓުގެ ވޯޓުންނެވެ. މި ޖަލްސާގައި ޖުމްލަ 156 ހިއްސާދާރުން ބައިވެރިވި އެވެ.

އެމްޓީސީސީގެ ފައިދާއަށް 2ރ. ބަހަން ނިންމި އިރު، އެ ކުންފުނީގެ ފައިދާ މިދިޔަ އަހަރު ވަނީ 53 ޕަސެންޓަށް ދަށްވެފަ އެވެ.

އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 45 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރު ލިބުނު ފައިދާ އަށް ވުރެ 52 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެމްޓީސީސީ އަށް 2023 ވަނަ އަހަރު ފައިދާގެ ގޮތުގައި 97 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްޓީސީސީއަށް އެހާ ބޮޑު ގެއްލުމެއް ލިބުނީ އެ ކުންފުނީގެ ކޮންސްޓްރަކްޝަން އަދި ޑްރެޖިން ދާއިރާގެ އާމްދަނީ 37 ޕަސެންޓަށް ދަށްވުމުންނެވެ. ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 80 ޕަސެންޓް ހޯދަނީ އެ ދާއިރާއިންނެވެ.