16 ޖޫން 2023
ފަހުގެ ތާރީހެއްގައި ބޭއްވި އެންމެ ތަފާތު އަހަރީ އާންމު ޖަލްސާ އަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ވާނެ އެވެ. އެ ޖަލްސާގައި ވަނީ ހިއްސާދާރުންނަށް ބަހަން ބޯޑުން ކަނޑައެޅި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 4ރ. ގެ ބަހަން ހުށަހެޅި ހުށަހެޅުމާ ދެކޮޅަށް ވޯޓުދީފަ އެވެ.
ފަހުގެ ތާރީހެއްގައި ބޭއްވި އެންމެ ތަފާތު އަހަރީ އާންމު ޖަލްސާ އަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ވާނެ އެވެ. އެ ޖަލްސާގައި ވަނީ ހިއްސާދާރުންނަށް ބަހަން ބޯޑުން ކަނޑައެޅި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 4ރ. ގެ ބަހަން ހުށަހެޅި ހުށަހެޅުމާ ދެކޮޅަށް ވޯޓުދީފަ އެވެ.
މިއީ އެމްޓީސީސީގެ ތާރީހުގައި އަހަރީ އާންމު ޖަލްސާއެއްގައި ޑިވިޑެންޑް ބަހަން ނުވަތަ ކަނޑައެޅި އަދަދަށް އެއްބަސްނުވި ފުރަތަމަ ފަހަރެވެ. ޑިރެކްޓަރުންގެ ބޯޑުން މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު ހިއްސާގެ ފައިދާ ހިއްސާއަކަށް 4ރ.ގެ މަގުން ބެހުމަށް ކަނޑައަޅަން ނެގި ވޯޓުގައި، 53 ޕަސެންޓު މީހުން ވޯޓު ދިނީ، އެއާ އިދިކޮޅަށެވެ.
ހިއްސާއަށް ކަނޑައެޅި އަދަދު ބެހުމާ ދެކޮޅަށް 61 މީހުން ވޯޓު ދިނީ، ހަމަ އެ ވަރުގެ ފައިދާއެއް ބޭނުން ނުވެގެން ހެއްޔެވެ؟ ނޫނީ، މިކަން ހިންގާ ގޮތް ނޭނގި ވާ ގޮތް ބަލައިލާން ހެއްޔެވެ؟ ނޫނީ، 4ރ. ގެ އަދަދަށް ބަދަލެއް ގެނެސް، އެއަށް ވުރެ ބޮޑު ހިއްސާގެ ފައިދާއެއް ލިބޭނެ ކަމަށް އުންމީދު ކުރާތީ ހެއްޔެވެ؟
އަހަރީ އާންމު ޖަލްސާއެއް ހިއްސާދާރުންނަށް ހާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ، ކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން އެ މީހުންނަށް ލިބޭ ވަރު، ނުވަތަ ހިއްސާގެ ފައިދާ ކަނޑައެޅިގެން ދިއުމެވެ. އެހެން ނަމަވެސް، ރޭގެ ޖަލްސާ ނިންމާލި އިރު ވެސް ގިނަ ބަޔަކަށް މި ކުރެވުނީ ކީއްކަން ރަނގަޅަށް ތަސައްވަރު ނުކުރެވުނެވެ.
އެމްޓީސީސީގެ ހިއްސާގެ ފައިދާ ބަހަން ނެގި ވޯޓު. ވޯޓު ނެގީ ހިއްސާގެ ފައިދާ ނުބަހަން-- ފޮޓޯ:މިހާރު
އެމްޓީސީސީގެ 100 އަށް ވުރެ ގިނަ ހިއްސާދާރުން ބައިވެރިވި، އެ ޖަލްސާގެ އެޖެންޑާ ނަންބަރު ހައެއްގައި އޮތީ ހިއްސާގެ ފައިދާ ބެހުމާ މެދު ބޯޑުން ކަނޑައެޅި ގޮތަށް ވޯޓަށް އެހުމެވެ. އެމްޓީސީސީއަކީ ސަރުކާރުގެ ގާތްގަނޑަކަށް 64 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށްވާ އިރު ޑިވިޑެންޑް ކަނޑައެޅުމަށް ނެގި ވޯޓުގައި ސަރުކާރުން ބައިވެރިއެއް ނުވެ އެވެ. އެހެންވެ، ހަމައެކަނި ނެގީ އާންމު ހިއްސާދާރުންގެ ތެރެއިން ޖަލްސާގައި ބައިވެރިވި މީހުންގެ ވޯޓެވެ.
ބޯޑުން ކަނޑައެޅި ޑިވިޑެންޑާ އެއްކޮޅަށް ވޯޓުދިން ހިއްސާދާރަކު ބުނީ، ޑިވިޑެންޑް ފާސް ނުވުމުން އޭގެ ގެއްލުން ލިބޭނީ ހިއްސާދާރުންނަށް ކަމަށެވެ.
ސަބަބަކީ އެމްޓީސީސީގެ ހިއްސާގެ ފައިދާގެ އަސްލު އަގު، އެހެން ޕަބްލިކް ކުންފުނިތަކާ މާބޮޑު ފަރަގެއް ނެތުމެވެ. އެމްޓީސީސީން ހިއްސާގެ ފައިދާ ބެހީ މޫނުމަތީ އަގު 5ރ. އިން ބަލައިގެން ހިއްސާއަކަށް 4ރ. އެވެ. އެހެންވެ، މިއީ ރަނގަޅު އަދަދެއް ކަމަށް އޭނާ ދެކެ އެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ބައެއް ބައިވެރިން-- ފޮޓޯ: އެމްޓީސީސީ
ހިއްސާގެ ފައިދާގެ އަދަދު ފާސް ނުވުމުން ދެން އަނެއްކާ ވެސް ޖެހޭނީ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކުން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދެއް ކަނޑައަޅާށެވެ. އަދި އެ ކަނޑައަޅާ އަދަދު ފާސް ކުރަން ޖެހޭނީ ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާއެއް ބާއްވައިގެންނެވެ.
"ވަރަށް ވެސް ރަނގަޅު ޑިވިޑެންޑެއް މި ދޫކޮށްލީ. އަސްލު އީޖީއެމް[އެންސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން] އެއް ބޭއްވުމުގެ ބަދަލުގައި ބޯޑަށް އެބަ އޮތް، ދެން ހިއްސާދާރުންނަށް ފައިދާ ނުބަހަން ވެސް ކަނޑައެޅެން،" އޭނާ ބުންޏެވެ.
ރޭގެ ޖަލްސާގައި ހިއްސާދާރުންގެ ހިޔާލަށް ފުރުސަތު ހުޅުވާލުމުން، ހިއްސާދާރަކު ވަނީ އަލުން ހިއްސާގެ ފައިދާއަށް ވޯޓު ނަގަން ހުށަހަޅާފަ އެވެ.
އެމްޓީސީސީގެ ލީގަލް ޓީމުގެ އިރުޝާދާ އެކު އެ ހާލަތުގައި ބޯޑުން ބައްދަލުވުމެއް ބާއްވަން، 20 ވަރަކަށް މިނެޓަށް އަހަރީ އާންމު ޖަލްސާ މެދުކަނޑާލި އެވެ. މިއީ ވެސް މީގެ ކުރިން ރާއްޖޭގައި ބާއްވާ އަހަރީ އާންމު ޖަލްސާއެއްގައި ނުފެންނަ މަންޒަރެކެވެ. އެ ބައްދަލުވުމަށް ފަހު ވެސް، ބޯޑުން ވަނީ، އެކަމާ މެދު ފަހުން ގޮތެއް ނިންމަން ކަނޑައަޅައިފަ އެވެ.
އެހެން ހިއްސާދާރަކު ބުނީ، ޑިވިޑެންޑާ މެދު ދެކޮޅަށް ވޯޓު ދިނީ، އެ އަދަދަށް ބަދަލުވާނެ ކަމުގެ އުންމީދުގައި ކަމަށެވެ.
"ހިޔެއް ނުކުރަން، އެކަމާ މެދު ގޮތެއް ނުނިމި ޖަލްސާ ނިމޭނެ ކަމަކަށް. ހީކުރީ ކަނޑައެޅި އަދަދަށް ވުރެ ރަނގަޅު އަދަދެއް ފާސްވާނެ ކަމަށް،" އޭނާ ބުންޏެވެ.
އެމްޓީސީސީން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާ. ޖަލްސާގައި 100 އަށް ވުރެ ގިނަ ހިއްސާދާރުން ބައިވެރިވި-- ފޮޓޯ: އެމްޓީސީސީ
ބައެއް ހިއްސާދާރުން ވަނީ، ޑިވިޑެންޑާ ދެކޮޅަށް ވޯޓު ދެވުނީ، އެކަން ކުރިއަށްދާ ގޮތް ނޭނގިގެން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއާ ވެސް ހިއްސާ ކުރައްވާފަ އެވެ.
އާޒިމް ވިދާޅުވީ، އޮޅިގެން ވިޔަސް، އެގޮތަށް ވޯޓު ދިނުމުން، އެކަމުގައި ކުރެވޭނެ ކަމެއް ނެތް ކަމަށާއި، އެމްޓީސީސީއިން އަބަދުވެސް އިސްކަން ދޭނީ ގާނޫނުގައި ކަނޑައަޅާ މިންގަނޑުގެ ތެރެއިން ހިއްސާދާރުންގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އީޖީއެމްއެއް ބޭއްވުމާ މެދު ގޮތެއް ނިންމާނީ ވެސް ބޯޑުގެ އާ ބައްދަލުވުމަކަށް ފަހު އެވެ. ހިއްސާދާރުންނާ ބައްދަލުކުރުމަށް ބާއްވާ، އަހަރީ އާންމު ޖަލްސާއަކީ، ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާ އިރު، އިތުރު އެފަދަ ޖަލްސާއެއް ބޭއްވުމަށް ވެސް އިތުރު ހަރަދުތައް ހިނގާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިކަމާ މެދު ގޮތެއް ކަނޑައަޅާނީ ބޯޑުން ކަމަށެވެ.
ރޭގެ ޖަލްސާގައި ބައިވެރިވި ހިއްސާދާރަކު ބުނީ، ވޯޓުލުން ކުރިއަށް ދިޔަ އިރު ކުންފުނީގެ ޗެއާމަން، ހިއްސާދާރުންނާ، ވާހަކަދެއްކުމުގައި ތަފާތު ގޮތްތަކެއް ބޭނުން ކުރި ނަމަ މި މައްސަލަ ދިމާ ނުވި ކަމަށެވެ.
"އެޖެންޑާގެ އެ ނަންބަރުގައި އެގޮތަށް ވޯޓު ދިނުމުން އެކަމުގައި އެއްވެސް އެއްޗެއް ވިދާޅުނުވެ، އެ ފާސް ކުރީ. އަސްލު ފާސް ކުރުމުގެ ކުރިން، އެމްޓީސީސީން މި އަހަރު ބެހި ހިއްސާގެ ފައިދާގެ އަދަދަކީ ރަނގަޅު އަދަދެއްކަން ކިޔާދިން ނަމަވެސް ބަޔަކު ވޯޓު ބަދަލުކުރީސް،" އޭނާ ބުންޏެވެ.
ހިއްސާދާރުން ހިއްސާގެ ފައިދާ ބޭނުން ނުވާ ކަމަށް ވޯޓުލުމުން، ދެން އިތުރަށް ހިއްސާގެ ފައިދާގެ ނުބަހަން ވެސް ޑިރެކްޓަރުންގެ ބޯޑަށް ނިންމުމުގެ ފުރުސަތު އެބަ އޮތެވެ.
ގާތްގަނޑަކަށް ހަތަރު ގަޑި އިރަށް ކުރިއަށް ދިޔަ ރޭގެ ޖަލްސާގައި، އެނގިގެން ވިޔަސް، ނޭނގި ވިޔަސް، ހިއްސާދާރުން ގެއްލުވާލީ، އެ ކުންފުނިން މިހާތަނަށް ދިން އެންމެ ބޮޑު ޑިވިޑެންޑެވެ. އެ ނިންމުމަށް ވާނެ ގޮތެއް ދެން އެނގޭނީ، ބޯޑުގެ ނިންމުމަށެވެ.
އެމްޓީސީސީން ބަހާނީ ހިއްސާއަކަށް 2ރ.
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 27ގައި
އެމްޓީސީސީން ބޯޓު ބަނުމުގެ ހިދުމަތް ފަށަނީ
އެމްޓީސީސީގެ ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފި
އެމްޓީސީސީން ހިއްސާގެ ފައިދާ އަލުން ބަހަން ފާސްކޮށްފި
5ބިލިއަންގެ މަޝްރޫއުން އަމާޒަކީ ބޮޑު އާމްދަނީއެއް
އެމްޓީސީސީގެ ހިއްސާއަކަށް 4ރ. ބަހަން ފާހެއް ނުވި
އެމްޓީސީސީ އަށް ހަ މަހުން 130 މިލިއަންގެ ފައިދާއެއް
ރިއަލް އެސްޓޭޓް ވިޔަފާރި އަށް އެމްޓީސީސީ ވަންނަނީ
އެމްޓީސީސީގެ ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި