Roadha Mihaaru
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 27ގައި

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 27ގައި

11 ސެޕްޓެމްބަރ 2020

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 27ގައި ބާއްވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 27ގައި ބާއްވަން ނިންމައިފި އެވެ.

އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި ޖަލްސާ ބާއްވާނީ ހަވީރު ހަތަރެއް ޖަހާއިރު މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ "ފައިވޯޓު" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ. މި ޖަލްސާގައި ބައިވެރިވޭނީ އިއްޔެގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށް އެކަންޏެވެ.

ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ އެވެ. އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލް infinity.mv ނުވަތަ companysecretary@mtcc.com.mv މެދުވެރިކޮށް ރަޖިސްޓްރީ ފޯމު ހުށަހެޅޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އަހަރީ އާއްމު ޖަލްސާއާ ގުޅޭގޮތުން އެމްޓީސީސީން ކުރި ޓްވީޓެއް--

މިދިޔަ އަހަރު އެމްޓީސީސީއަށް ވަނީ ސާފު ފައިދާގެ ގޮތުގައި 53 މިލިއަން ރުފިޔާ ލިބިފަ އެވެ. އެ ކުންފުނީގެ ބޮޑުން ވަނީ ހިއްސާއަކަށް ދެ ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފަ އެވެ.

މީގެ އިތުރުން މި ޖަލްސާގައި ކުރިއަށް އޮތް އަހަރަށް އާއްމު ހިއްސާދާރުންގެ ތެރެއިން އެމްޓީސީސީގެ ބޯޑަށް ދެ މެމްބަރުން އިންތިޚާބު ކުރާނެ އެވެ. އެ މަގާމަށް ކުރިމަތިލި ދެ ހިއްސާދަރުންގެ ނަން ވެސް ބޯޑުން ވަނީ ފާސްކޮށް އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފަ އެވެ.

އާއްމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ކުރިމަތިލާފައި ވަނީ ދަފްތަރު ނަންބަރު 95-698، އަހުމަދު އަބޫބަކުރާއި ހެޕީނައިޓް، ގއ.ވިލިނގިލި، ނަސްރަތު މުހައްމަދެވެ.