Roadha Mihaaru

އެމެރިކާއިން ދަރިވަރުންނަށް ވިސާ ދިނުން މެދުކަނޑާލައިފި

އެމެރިކާގެ ވިސާ ދިނުމުގެ ކުރިން އެ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބެލުން ހަރުކަށި ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ އެކު ދަރިވަރުންނަށް ވިސާ ދިނުމުގެ މަސައްކަތް މެދުކަނޑާލަން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންގަވައިފި އެވެ.

އެމެރިކާއިން ދަރިވަރުންނަށް ވިސާ ދިނުން މެދުކަނޑާލައިފި

އެމެރިކާގެ ވިސާ ދިނުމުގެ ކުރިން އެ މީހެއްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބެލުން ހަރުކަށި ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ އެކު ދަރިވަރުންނަށް ވިސާ ދިނުމުގެ މަސައްކަތް މެދުކަނޑާލަން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަންގަވައިފި އެވެ.

އެތައް ސަތޭކަ ވިސާއެއް ކެންސަލްކުރުމާއި ހާވާޑް ޔުނިވާސިޓީން އެމެރިކާ ނޫން އެހެން ގައުމުތަކުގެ ދަރިވަރުންނަށް ފުރުސަތު ދިނުން މަނާކުރުމުގެ ފިޔަވަޅަށް ފަހު މިއީ އެމެރިކާގެ ޔުނިވާސިޓީތަކުގެ އާމްދަނީގައި ބޮޑު ހިއްސާއެއް އަދާކުރާ ބައިނަލްއަގްވާމީ ދަރިވަރުންނަށް އަމާޒުކޮށް ޓްރަމްޕްގެ ސަރުކާރުން އެޅި އެންމެ ހަރުކަށި ފިޔަވަޅެވެ.

ރޫބިއޯ ސޮއިކުރައްވައި އެމްބަސީތަކާއި ކޮންސިއުލޭޓްތަކަށް ފޮނުއްވާފައިވާ ލިޔުމެއް އޭއެފްޕީއަށް ފެނިފައި ވާއިރު އޭގައި ވަނީ ސްޓޫޑެންޓް ނުވަތަ އެކްސްޗޭންޖް ވިސާއަށް އިތުރު އެޕޮއިންޓްމަންޓެއް ދިނުން، އެކަމާ މެދު ވަކި ގޮތަކަށް އަންގަންދެން މެދުކަނޑާލުމަށެވެ. އަދި މިފަދަ ވިސާތައް ދިނުމުގެ ކުރިން، ވިސާއަށް އެދޭ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލަންޖެހޭ ގޮތުގެ އާ އިރުޝާދެއް ދޭނެ ކަމަށް ވެސް އޭގައިވެ އެވެ.

އެމެރިކާގެ މިޝަންތަކުން އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމުގައި އާންމުކޮށް ވެސް ވަރަށް ބޮޑަށް ލަސްވާއިރު ރޫބިއޯގެ އެންގެވުމުން ބޮޑަށް ބެލެވެނީ ވިސާ ދިނުން މެދުކަނޑާލުމަކީ މާ ގިނަ ދުވަހުގެ ކަމެއް ނޫން ކަމަށެވެ. އޭގައި ބުނެފައިވަނީ ލަސްތަކެއް ނުވެ އާ އިރުޝާދެއް ދޭނެ ކަމަށާއި އޭރުން ކުރިއެކޭ އެއްގޮތަށް އެޕްލިކޭޝަންތައް ބަލައިގަނެވޭނެ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް މި ލިޔުމާ ބެހޭ ގޮތުން ސީދާ އެއްޗެއް ވިދާޅުނުވި ނަމަވެސް "ގައުމަށް އެތެރެވަނީ ކޮން ބައެއްތޯ ބެލުމުގެ މަރުހަލާ ވަރަށް ސީރިއަސްކޮށް ނަގާ" ކަމަށް ވިދާޅުވެ އޭއެފްޕީއަށް ޖަވާބު ދެއްވި އެވެ.

އެމެރިކާގެ ޔުނިވާސިޓީތަކުގައި ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން ކުރިއަށް އޮތް ޓާމް ފެށުމުގެ ކުރިން ވިސާއަށް ހޯދަން ބޭނުންވާ ދަރިވަރުންނަށް އެކަން ހަމަޖެހޭނެތޯ ސުވާލުކުރުން ބްރޫސް ވިދާޅުވީ "ވިސާއަށް އެދެން ބޭނުންވާ ނަމަ، އާންމު ޕްރޮސެސް އާއި އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގޮސް، ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށް ތައްޔާރުވާންވީ" ކަމަށެވެ.

ސެނެޓުގައި މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމެއްގައި ރޫބިއޯ ވިދާޅުވީ ޖެނުއަރީ 20 ވަނަ ދުވަހު ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން "އެތައް ހާސް" ވިސާއެއް ކެންސަލް ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި، އިޒްރޭލުން ފަލަސްތީގެ ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލާ ދަރިވަރުން ގިނަ އެވެ. އެމެރިކާއިން ބަލަނީ އެއީ ޔަހޫދީންނާ މެދު ނަފްރަތު އުފައްދާ މީހުން ކަމަށެވެ.