Roadha Mihaaru

ގަތަރުން ޓްރަމްޕަށް ލަގްޒަރީ ޖެޓެއް ހަދިޔާކުރަނީ

ގަތަރުގެ ޝާހީ އާއިލާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޮއިން މަރުކާގެ ލަގްޒަރީ ޖެޓެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.

ގަތަރުން ޓްރަމްޕަށް ލަގްޒަރީ ޖެޓެއް ހަދިޔާކުރަނީ

ގަތަރުގެ ޝާހީ އާއިލާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބޮއިން މަރުކާގެ ލަގްޒަރީ ޖެޓެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، އެމެރިކާގެ ރައީސުން ހަދިޔާ ގަބޫލުކުރުމާ ގުޅޭ ގޮތުން ހަރުކަށި ގާނޫނުތަކެއް ހުރި ނަމަވެސް ޓްރަމްޕް ބޭނުންވަނީ މި ޖެޓް އެއާފޯސް ވަންގައި، ރަސްމީ ދަތުރުތަކުގައި ވެސް ބޭނުންކޮށް އަދި ވެރިކަން ނިމުމުން އަމިއްލަ ގޮތުން ވެސް ބޭނުންކުރާށެވެ.

މިކަން އެންމެ ފުރަތަމަ ރިޕޯޓްކުރި އޭބީސީ ނިއުސް އިން މި ޖެޓް ސިފަކުރީ "އުދުހޭ ގަނޑުވަރެއް" ގޮތުގަ އެވެ. ހަދިޔާކުރަނީ ބޮއިން 8-747 ޖަމްބޯ ޖެޓެއް ކަމަށާއި މިއީ އެމެރިކާގެ ރައީސަކަށް މިހާތަނަށް ލިބިވަޑައިގަންނަވާ އެންމެ އަގުބޮޑު ހަދިޔާ ކަމަށް އޭބީސީން ބުނެފައިވެ އެވެ.

މި ވާހަކަ ރިޕޯޓްކުރުމާ އެކު ގަތަރުން ވަނީ އެއީ ހަދިޔާއަކަށް ދޭ އެއްޗެއް ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށް ބުނެފަ އެވެ.

"އެއާފޯސް ވަންގައި ބޭނުންކުރުމަށް ވަގުތީ ގޮތުން ދޭ އެއާކްރާފްޓަކާ ގުޅޭ މަޝްވަރާތަކެއް ގަތަރުގެ ޑިފެންސް މިނިސްޓްރީ އާއި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާ ދެމެދު ދަނީ ކުރިއަށް. މިކަމުގައި އަދި ގޮތެއް ނުނިމޭ،" އެމެރިކާއަށް ގަތަރުން ކަނޑައަޅާފައި ހުންނަވާ ޑިފެންސް އަޓާޗޭ އަލީ އަލް އަންސާރީއާ ހަވާލާދީ ގަތަރުން މީޑީގައި ބުނެފައިވެ އެވެ.

އެމެރިކާގެ ގާނޫނުއަސާސީ ބުނާ ގޮތުން ރަސްކަލުންނާއި އަމީރުން އަދި ބޭރު ދައުލަތްތަކުން ދޭ ހަދިޔާ ގަބޫލުކުރުމަކީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންނަށް މަނާ ކަމެކެވެ. އެކަން ބަޔާންކޮށްފައި އޮންނަނީ ސަރުކާރު މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދިނުމާ ބެހޭ ގޮތުން އޮންނަ މާއްދާއެއްގަ އެވެ.

ނަމަވެސް ޓްރަމްޕް މި މާއްދާތަކުން ރެކިވަޑައިގަތުމަށް، ވެރިކަން ނިމުމުން ޖެޓް ހަވާލުކުރާނީ "ޕްރެޒިޑެންޝަލް ލައިބްރަރީ" އަށް ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ. އެއީ އެމެރިކާގެ ރައީސުންނަށް ލިބިވަޑައިގަންނަވާ ހަދިޔާ އެ ބޭފުޅުންނާ ގުޅުން ހުރި އެހެނިހެން ތަކެތި ޒަމާންތަކަށް ދެމިގެންދާ ގޮތަށް ބަލަހައްޓާ އިދާރާ އެވެ.

އޭބީސީ އާއި ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޖެޓް ދޭން ނިންމާފައިވާކަން އިއުލާނުކުރާނީ ޓްރަމްޕް މި ހަފުތާގައި ގަތަރުގެ އިތުރުން މެދުއިރުމަތީގެ ތިން ގައުމަކަށް ކުރައްވާ ދަތުރުގަ އެވެ.

މިހާރު އެއާ ފޯސް ވަންގައި ބޭނުންކުރާ ބޮއިން 747-200ބީ މަރުކާގެ ޖެޓްތަކާ މެދު ހިތްހަމަނުޖޭކަން ޓްރަމްޕު ކުރިން ވެސް ހާމަކުރައްވާފައިވެ އެވެ. ބޮއިން ވަނީ 2024 ވަނަ އަހަރު ނިމުމުގެ ކުރިން 747-8 މަރުކާގެ ދެ މަތިންދާބޯޓު 3.9 ބިލިއަން ޑޮލަރުގެ އަގެއްގައި ސަޕްލައިކޮށްދޭން 2018 ވަނަ އަހަރު އެއްބަސްވެފަ އެވެ. އެކަމަކު މި ލިބުން ލަސްވާތީ ޓްރަމްޕް ވަނި ބޮއިން ނޫން އެހެން ގޮތެއް ހޯދަން ވިސްނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ގަތަރަކީ އެމެރިކާއިން ޓެރަރިސްޓުން ކަމަށްވާ ހަމާސް އާއި އެހެން ބައެއް ޖަމާއަތްތަކާ ގާތް ގުޅުމެއް އޮންނަ ގައުމަކަށް ވާއިރު ގަތަރުން ދޭ ހަދިޔާ ގަބޫލުކުރުމާ މެދު ވަނީ ބަހުސް އުފެދިފަ އެވެ.

ޓްރަމްޕަށް ތާއީދުކުރާ ކަނާތުފިޔައިގެ އެކްޓިވިސްޓެއް ކަމަށްވާ ލައުރާ ލޫމާ އެކްސްގައި ކުރި ޕޯސްޓެއްގައި ގަތަރު ސިފަކުރީ "ކޯޓު ފަޓުލޫނުގައި ތިބޭ ޖިހާދީން" ގެ ގޮތުގަ އެވެ.

"ކޯޓު ފަޓުލޫނުގައި ތިބި ޖިހާދީންގެ އަތުން 400 މިލިއަން ޑޮލަރުގެ ހަދިޔާއެއް ގަބޫލެއް ނުކުރެވޭނެ،" އޭނާ ބުނެފައިވެ އެވެ. "ގަތަރަކީ އެމެރިކާ ސިފައިން މަރާ، އީރާންގެ މަދަދު ލިބޭ ހަމާސް އާއި ހިޒްބުﷲ އަށް ވެސް ފަންޑުކުރާ ބައެއް."

ނަމަވެސް ވައިޓް ހައުސް އާއި ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލުންނާ ހަވާލާދީ އޭބީސީން ބުނީ މިއީ އެއްވެސް ކަމެއްގެ ބަދަލުގައި ގަތަރުން ދޭ އެއްޗެއް ނޫން ކަމަށާއި އެހެންވެ މިއީ ރިޝްވަތެއްގެ ގޮތުގައި ނުބެލޭނެ ހުއްދަ ހަދިޔާއެއް ކަމަށެވެ.