Roadha Mihaaru

ހާވާޑް ޔުނިވަސިޓީން ބިދޭސީ ދަރިވަރުންނަށް ފުރުސަތު ދިނުން އެމެރިކާ ސަރުކާރުން މަނާކޮށްފި

އެމެރިކާގެ ހާވާޑް ޔުނިވަސިޓީން ބިދޭސީ ދަރިވަރުންނަށް ފުރުސަތު ދިނުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.

ހާވާޑުން ބިދޭސީ ދަރިވަރުންނަށް ފުރުސަތުދިނުން މަނާކޮށްފި

އެމެރިކާގެ ހާވާޑް ޔުނިވަސިޓީން ބިދޭސީ ދަރިވަރުންނަށް ފުރުސަތު ދިނުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.

މިކަން ކުރީ ޔަހޫދީންނާ ދެކޮޅު ފިކުރުތައް ހުއްޓުވަން އަޅާ ފިޔަވަޅުތަކަށް އެ ޔުނިވަސިޓީން އެއްބާރުލުން ނުދޭ ކަމަށް ބުނެ ރައީސް ޑޮނަލްޑް ޓްރަމްޕު އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ތެރެއިންނެވެ.

މެސެޗޫސެޓްސްގެ ކެމްބްރިޖްގައި ހުންނަ ޔުނިވަސިޓީން ބުނީ ސަރުކާރުގެ މި އަމަލު ގާނޫނާ ހިލާފު ކަމަށާއި އެކަމުގެ ނޭދެވޭ އަސަރު ޔުނިވާސިޓީއަށާއި ގައުމަށް ވެސް ކުރާނެ ކަމަށެވެ.

ނޮބެލްގެ އިނާމު ހާސިލްކޮށްފައިވާ 162 ޝަހުސިއްޔަތެއް އުފެއްދި ހާވާޑް ޔުނިވަސިޓީއާ މެދު ޓްރަމްޕު ހިތްހަމަނުޖެހިގެން އުޅެނީ ޔަހޫދީންނާ ދެކޮޅު އަދި ތަފާތުކުރުުގެ ފިކުރެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށެވެ. އެ ޔުނިވަސިޓީން ވަނީ އެޑްމިޝަން އާއި ވަޒީފާތައް ދިނުމުގައި ޓްރަމްޕުގެ ސަރުކާރުން އެދުނު ކަންކަމަށް ދެކޮޅުހަދައި، ޔުނިވަސިޓީ ހިންގަންޖެހޭ ގޮތާއި ކިޔަވައިދޭންޖެހޭ ގޮތް އެހެން ބަޔަކު ކިޔައިދޭން ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

ބިދޭސީ ދަރިވަރުންނަށް ފުރުސަތު ދިނުން މަނާކުރި އެ ޔުނިވަސިޓީގައި މިހާރު ވެސް 25 ޕަސެންޓަށް ވުރެ ބޮޑު އަދަދަކީ ބިދޭސީ ދަރިވަރުންނެވެ. އެހެންވެ، ދަރިވަރުންގެ އަތުން އަހަރަކު އެތައް ހާސް ޑޮލަރެއް ޓިއުޝަން ފީގެ ގޮތުގައި ނަގަމުން އަންނަ ޔުނިވަސިޓީއަށް މިއީ މާލީ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ. އެއީ ސަރުކާރުން މިހާރުވެސް އެ ޔުނިވަސިޓީގެ 2.2 ބިލިއަން ޑޮލަރުގެ ފަންޑު ހިފަހައްޓާފައި ވާތީއާ އެކުގަ އެވެ.

"ހާވަޑް ޔުނިވާސިޓީގެ ސްޓޫޑަންޓް އެންޑް އެކްސްޗޭންޖް ވިޒިޓާ އިންފޮމޭޝަން ސިސްޓަމް (އެސް.އީ.ވީ.އައި.އެސް)ގެ ސެޓްފިކެޓް މި ވަގުތުން ފެށިގެން ބާތިލުކޮށްފިން،" އެމެރިކާގައި ކިޔެވުމަށް ބޭރުގެ ދަރިވަރުންނަށް ހުއްދަދޭ ޕްރައިމަރީ ސިސްޓަމަށް ހަވާލާދެއްވައި ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް އައިވީ ލީގް އިންސްޓިޓިއުޝަނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވެ އެވެ.

ހާވާޑާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް މިހާރު ވެސް ކޯޓަށް މައްސަލަ ހުށަހަޅާފައި ވާއިރު އެ ޔުނިވަސިޓީން ބުނީ މި ނިންމުން ގާނޫނާ ހިލާފު ކަމަށާއި ބައިނަލްއަގްވާމީ ދަރިވަރުންނާއި އިލްމުވެރިން ހޯސްޓް ކުރުމުގެ ބާރު ހާވަޑްގައި އޮތް އޮތުން ދެމެހެއްޓުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން ދަރިވަރުންނަށް އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޔުނިވަސިޓީގެ ބަޔާނުގައިވެ އެވެ.