Roadha Mihaaru

ޝަމްއާން ފްރޭމްކުރަން ޖެހޭ ސަބަބެއް ނެތް، އިހުސާންގެ ވީޑިއޯ ވާހަކަ ތަހުގީގަށް މުހިންމެއް ނޫން: ފުލުހުން

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް އާއިލާއިން ބުނާ ވާހަކަތައް ފުލުހުން ވެސް ދޮގުކޮށްފި އެވެ.

ޝަމްއާން ފްރޭމްކުރަން ޖެހޭ ސަބަބެއް ނެތް: ޕޮލިސް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 މެއި 2025

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް އާއިލާއިން ބުނާ ވާހަކަތައް ފުލުހުން ވެސް ދޮގުކޮށްފި އެވެ.

އޭނާ މަގާމުން ވަކިކޮށް ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ އެވެ. ޝަމްއާންގެ އާއިލާއިން އަންނަނީ "ނުހައްގުން ހައްޔަރު ކޮށްގެން ގެންގުޅޭތާ" ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އޭނާ ފްރޭމްކޮށްފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ.

ޝަމްއާން ބަންދުކުރަން ހޯމް މިނިސްޓަރު އަލީ އިހުސާން މަސައްކަތް ފެއްޓެވީ އިހުސާންގެ "ވީޑިއޯ"އެއް އޮތުމުން ކަމަށް ވެސް އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. ނަމަވެސް އެ ކުރާ ތުހުމަތު ތަކުގެ ތަފްސީލެއް ނުދެ އެވެ.

އިމިގްރޭޝަން ރިޝްވަތުގެ މައްސަލާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރީ އޭނާގެ އާއިލާއިން ކުރާ އެ ތުހުމަތުތަކާ ގުޅޭގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ މައްސަލައިގައި ބަޔަކު ފްރޭމްކުރުމަށްޓަކައި އެއްވެސް ކަމެއް ކުރަން ނުޖެހޭކަން ތަހުގީގުން މިހާތަނަށް އެނގޭ ކަމަށެވެ.

"އެހެންވީމަ އަދި އާއިލާގެ ފަރާތުން މިނިސްޓަރާ [އަލީ އިހުސާން] ޝައްމާނާ ދޭތެރޭގައި ހުރި ކަންތައްތަކެއްގެ ވާހަަކަ ދެއްކި ކަމުގައިވީ ނަމަވެސް، އަޅުގަނޑުމެންނަށް މި ތަހުގީގަށް މިހާހިސާބަށް ފާހަގަކުރެވިފައި ހުރި އެއްވެސް ކަމެއް އަޅުގަނޑަކަށް ނެތް ލިބިފައެއް އެކަހަލަ އެއްވެސް މައުލޫމާތެއް ނެތް ލިބިފައެއް،" ޝަރީފް ވިދާޅުވި އެވެ.

"އަދި މި މައްސަލައާ ގުޅިގެން އެއްވެސް މީހެއްގެ ވީޑިއޯއެއް އެއްވެސް މީހެއްގެ އަތުގައި އޮތް ވާހަކައަކީ އެއީ އަޅުގަނޑުމެން މި ތަހުގީގަށް އެހާ މުހިންމު ވާހަކައަކަށް ނުވާތީ އަޅުގަނޑުމެން މި ތަހުގީގު ތެރޭގައި އެބައި ކުރިއަކަށް ނުގެންދަން."

ވީޑިއޯ މައްސަލާގައި މިހާތަނަށް އިހުސާނުއާ ސުވާލު ކޮށްފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ތުހުމަތުކުރަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށެވެ.

އެ މައްސަލާގައި ޝަމްއާން އާއި އިމިގްރޭޝަންގެ އިތުރު ހަތަރު މުވައްޒަފަކާއި ބިދޭސީއެއް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލާގައި ދައުވާ ކުރުމަށް މިހާރު ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.