Roadha Mihaaru

ގަވާއިދާ ހިލާފަށް އުޅޭ ކަމަށް ބުންޏަސް އޮޕަރޭޝަނުގައި އަތުލައިގަތީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް: ޕޮލިސް

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާންގެ ބެއްލެވުމުގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު އަތުލައިގަތަސް އެެއީ ސައްހަ ލިޔުން އޮތް ބައެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

"އަތުލައިގަތީ ސައްހަ ލިޔެކިޔުން އޮތް ބިދޭސީންތަކެއް"
އާސިމާ ނިޒާރު
އާސިމާ ނިޒާރު

29 މާޗް 2025

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާންގެ ބެއްލެވުމުގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި ބަޔަކު އަތުލައިގަތަސް އެެއީ ސައްހަ ލިޔުން އޮތް ބައެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަން ހާއްސަކުރީ މާފަންނުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ބިދޭސީންނަށް ކަމަށެވެ. ނަމަވެސް، އެ އޮޕަރޭޝަން ހިންގާފައިވަނީ ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް އަދި އިމިގްރޭޝަނުން އަމަލުކުރާ އުސޫލުތަކާ ހިލާފަށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބުންޏެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގަނީ އެހެން ޑިޕާޓްމަންޓަކުން ވިއަސް، އެ ރޭގެ ހާއްސަ އޮޕަރޭޝަނުގައި ފުރަތަމަ އުޅުނު ތިން މީހުންނަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އަދި މީޑިއާގައި އުޅޭ ބައެކެވެ. އޮޕަރޭޝަންތަކަށް ހާއްސަ އިމިގްރޭޝަންގެ މުވައްޒަފުން ފަހުން ބައިވެރިކޮށް އަލުން ސީން ޕްރޮސެސްކޮށް، ހައްޔަރުކުރި ބިދޭސީންގެ ތަކެތި ސީލްކޮށް، އެ މީހުން ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވެ އެވެ.

ރިޝްވަތު ނެގި ކަމުގެ ތުހުމަތުގެ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށް، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަސް މީހަކު މިދިޔަ ހަފުތާގައި ހައްޔަރުކުރި އެވެ. އެ އެންމެންގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ އެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރީ ގަވައިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ހަތް ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން ގިނަ އަދަދަކަށް ފައިސާ ފެނުނު ބިދޭސީ މީހާ އެ ރޭ ދަންވަރު އިމިގްރޭޝަންގެ އޮފީހަށް ގެންގޮސް، ޝަމްއާންގެ ބެއްލެވުމުގެ ދަށުން އެ މީހާ ދޫކޮށްލީ "އާޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރަން އަންގައިގެން ކަމަށް، އިތުރު މައުލޫމާތު ދިނުމަށް ނެރުނު ބަޔާނުގައި ފުލުހުން ބުންޏެވެ.

ދޫކޮށްލި ބިދޭސީ މީހާއާ ހަވާލުވި ދިވެހި ސްޕޮންސަރަކީ ވެސް، ހައްޔަރުކުރި އިމިގްރޭޝަން ފަސް މުވައްޒަފުންގެ ތެރެއިން އެކެއްގެ އާއިލާ މީހެއް ކަމަށް ބުންޏެވެ.

"ބިދޭސީ މީހާ ހައްޔަރު ކުރެވުނުއިރު އޭނާގެ އަތުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ފައިސާ، އޭނާ ދޫކޮށްލިއިރު ކޮތަޅަކަށް އަޅާފައި އަނބުރާ ހަވާލުކުރިކަން ތަހުގީގަށް އެނގިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

"ބިދޭސީ މީހާ ދޫކޮށްލުމުގެ ޕްރޮސެސް ހިނގަމުންދިޔައިރު، ވަޒީފާގެ މަސްއޫލިއްޔަތު ނެތި، ބަލައި ފާސްކުރުން ކުރިއަށް ގެންދިޔަ އިމިގްރޭޝަންގެ މުވައްޒަފުން މ. ސްޓާ ކްލައުޑު ސަރަހައްދުގައި ތިބިކަން އެނގިފައިވެ އެވެ. ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާ ފުރަތަމަ ދިޔައީ އޭނާއާ ސްޕޮންސަރުގެ ހައިސިއްޔަތުން ހަވާލުވި މީހާއާއެކު ސައިކަލެއްގަ އެވެ. ނަމަވެސް، ޝަހީދު އަލީ ހިނގުމުން، މި މައްސަލައިގައި ފަހުން ފުލުހުން ހައްޔަރުކުރި އިމިގްރޭޝަންގެ ވެހިކަލަކަށް އެެރި އެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ބުނިގޮތުގައި، ބިދޭސީ މީހާ ގޮވައިގެން ސައިކަލުގައި އެކި ސަރަހައްދުތަކުގައި ދުއްވުމަށް ފަހު، އެ ބިދޭސީ މީހާ ދިރިއުޅޭ ސަރަހައްދަށް ގެންދިޔައީ "ވަކި ކަންތައްތަކެއް ނިންމުމަށް ފަހު" ކަމަށް ތަހުގީގުން ގަބޫލުކުރެވެ އެވެ.

ހައްޔަރުކޮށްފައިވާ އިމިގްރޭޝަން މުވައްޒަފަކު ސްޓާ ކްލައުޑު ކައިރިއަށް ކާރުން ފޭބުމަށް ފަހު، ފުލުހުން ހައްޔަރުކޮށްފައިވާ އިމިގްރޭޝަންގެ އެހެން އޮފިސަރަކު ވެލާނާ ބިލްޑިން ކައިރިން ވެހިކަލުން ފޭބި އެވެ. އޭގެ އިރުކޮޅެއް ފަހުން، ސްޓާ ކްލައުޑު ކައިރިއަށް ފޭބި އިމިގްރޭޝަން އޮފިސަރު ސައިކަލެއްގައި ވެލާނާ ބިލްޑިން ކައިރިއަށް ގެންގޮސް އިމިގްރޭޝަނުން ވެހިކަލުން ފައިސާ ކޮތަޅު ނަގައި ޝަމްއާންގެ ގެއަށް ގެންދިޔަކަން އެނގޭ ކަމަށް ބުންޏެވެ.

"ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ގެއަށް ވަންނައިރު ކޮތަޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، ނުކުންނައިރު ކޮތަޅު މުށުތެރޭގައި ބޮނޑިކޮށްލާފައި އޮންނަކަން ފާހަގަކުރެވިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

ޝަމްއާންގެ ގެ ބަލައިފާސްކޮށް 257،475ރ. އަދި 10،000 ޑޮލަރާއި އިތުރު އެހެން ބައެއް ގައުމުތަކުގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ހޯދައި، ފުލުހުންގެ އިދާރާއަށް ވަނީ ގެންގޮސްފަ އެވެ.