Roadha Mihaaru

ބިދޭސީމީހާ އަތުން ފެނުނު 530،000ރ ހިފައިގެން ވަނީ ޝަމްއާންގެ ގެއަށް: ފުލުހުން

އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ރޭ ކުއްލި ގޮތަކަށް މަގާމުން ވަކިކުރި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ބިދޭސީމީހާގެ ފައިސާ ހިފައިގެން ވަނީ ޝަމްއާންގެ ގެއަށް

އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ ރޭ ކުއްލި ގޮތަކަށް މަގާމުން ވަކިކުރި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ރޭ ވަރަށް ލަސްވެފައި ވަނިކޮށް ވަކިކުރުމަށް ފަހު، ސީދާ އޭނާއާ ގުޅޭ ގޮތުން ފުލުހުން ފުރަތަމަ ފަހަރަށް މިރޭ ނެރުނު ބަޔާނުގައި ބުނީ، އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަ ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާ ކަމަށެވެ.

އެ އޮޕަރޭޝަން ހިންގީ ވެސް ފުލުހުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ، އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިރޭ ބުނިގޮތުގައި، ޝަމްއާން ދިރިއުޅޭ ގެ ފާސްކޮށް، "ގިނަ އަދަދެއްގެ ފައިސާ" އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލަތަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުން 5 މީހުން ހުއްޓުވައި ބަލައި ފާސްކޮށް، އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެ އެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ނޮވެމްބަރު 19، 2023 ގައި އިމިގްރޭޝަން ކޮންޓްރޯލަރަކަށް މި ސަރުކާރުން އައްޔަންކުރި ޝަމްއާން މަގާމުން ރޭ ވަކިކުރީ "ރިޝްވަތުގެ" ހެކިތައް ފެނިގެން ކަަމަށް އެނގިފައި ވެ އެވެ. އެކަމަކު، އެ ގެއިން ފެނުނު ފައިސާގެ އަދަދެއް ފުލުހުން އަދި ނުބުނެ އެވެ.

މައުލޫމާތު އެނގޭ މީހަކު "މިހާރު އަށް ބުނީ، ބިދޭސީ މީހާ އިމިގްރޭޝަންގެ ވެހިކަލެއްގައި ގެންގުޅުމަށް ފަހު، މަގުމައްޗަށް އޭނާ ދޫކޮށްލައި، އިމިގްރޭޝަންގެ ދެ މުވައްޒަފަކު ސައިކަލެއްގައި ގޮސް ފައިސާ ހަވާލުކުރީ ސީދާ ޝަމްއާނާ އެވެ.

މި މައްސަލާގައި ޝަމްއާން ކުއްލި ގޮތަކަށް މަގާމުން ވަކިކޮށް، ރޭ ވަރަށް ދަންވެފައި ހުއްޓާ އިމިގްރޭޝަން ކޮންޓްރޯލަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަަސީހު އެވެ.