Roadha Mihaaru

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ގެ ބަލައިފާސްކޮށް، ފައިސާތަކެއް ގެންގޮސްފި

ކުއްލި ގޮތަކަށް ރޭ މަގާމުން ވަކިކުރި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅުއްވާ ގެ ފުލުހުން ރޭ ބަލައި ފާސްކޮށްފި އެވެ.

ޝަމްއާންގެ ގެ ބަލައިފާސްކޮށް، ފައިސާތަކެއް ގެންގޮސްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 މާޗް 2025

ކުއްލި ގޮތަކަށް ރޭ މަގާމުން ވަކިކުރި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ދިރިއުޅުއްވާ ގެ ފުލުހުން ރޭ ބަލައި ފާސްކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޝަމްއާން ދިރިއުޅުއްވާ ގެ ރޭ ދަންވަރު ބަލައިފާސްކޮށް، ބައެއް ސާމާނު ވަނީ ގެންގޮސްފަ އެވެ. އެ ގެއިން ފައިސާތަކެއް ގެންގޮސްފައިވާކަން "މިހާރު" އަށް އެނގިފައިވީ ނަމަވެސް ފައިސާގެ އަދަދެއް އަދި ކަށަވަރެއް ނުކުރެވެ އެވެ.

ނަމަވެސް "މިހާރު" އާ ވާހަކަ ދެއްކި މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނީ، 530،000ރ. އަތުލައިގަތެވެ. އަދި އެއީ ބިދޭސީއަކާ ގުޅުން ހުރި ފައިސާތަކެއް ކަމަށާއި އެއީ ރެޑްހޭންޑްކޮށް އަތުލައިގަތް ފައިސާތަކެއް ކަމަށް "މިހާރު" އާ މައުލޫމާތު ހިއްސާކުރި މީހާ ބުންޏެވެ.

ޝަމްއާންގެ ގެ ބަލައިފާސްކުރިއިރު، އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ބަލާ ކަމަށް ފުލުހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ އަށް ވުރެ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

ޝަމްއާން މަގާމުން ވަކިކުރިޔަސް، އިމިގްރޭޝަންގެ މުވައްޒަފުންނަށް ކުރާ ތުހުމަަތުތަކާ އޭނާއާ ގުޅުން އޮތް ކަމެއް ރަސްމީކޮށް ފުލުހުން އަދި ނުބުނެ އެވެ. ޝަމްއާން ދިރިއުޅުއްވާ ގެ ބަަލައި ފާސްކުރި ސަބަބާ ގުޅޭ ގޮތުން ވެސް ފުލުހުން އަދި ވާހަކައެއް ނުދައްކަ އެވެ.

ނޮވެމްބަރު 19، 2023 ގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރި ޝަމްއާން ރޭ މަގާމުން ވަކިކޮށް، އެ މަގާމަށް އައްޔަންކުރީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލުމާއި ގަވައިދުތަކުގެ ތެރެއަށް އެ މީހުން ފެއްތުމަށް މި ސަރުކާރުން ވަނީ އޮޕަރޭޝަންތައް ވަރުގަދަކޮށްފަ އެވެ. މި ސަރުކާރު އައި ފަހުން އެކަނި ވެސް ގަވާއިދާ ހިލާފަށް އުޅޭ 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފަ އެވެ.

ބިދޭސީން އަތުލައިގަތުމުގެ ބޮޑެތި އޮަޕަރޭޝަންތައް ހިންގާފައި ވަނީ ވެސް ޝަމްއާން އިސްވެ ހުންނަވައިގެންނެވެ.

ޝަމްއާން މަގާމުން ވަކިކުރި މައްސަލާގައި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.