Roadha Mihaaru

ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން: އަނބިމީހާ

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް، އޭނާގެ އަނބިކަނބަލުން ހިދުފާ ފާއިޒު ރޭ ވިދާޅުވެއްޖެ އެވެ.

ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން: އަނބިމީހާ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

22 އެޕްރީލް 2025

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް، އޭނާގެ އަނބިކަނބަލުން ހިދުފާ ފާއިޒު ރޭ ވިދާޅުވެއްޖެ އެވެ.

އިންސްޓަގްރާމްގެ ސްޓޯރީގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާން ފްރޭމްކޮށް، "ނުހައްގުން ހައްޔަރު ކޮށްގެން ގެންގުޅޭތާ" މަސް ދުވަސް ވެފައިވާ ކަމަށް ވިދާޅުވިއަސް، ފްރޭމްކުރި ކަމަށް ކުރާ ތުހުމަތުގެ އިތުރު ތަފުސީލެއް ހިދުފާ ނުދެއްވަ އެވެ.

ނަމަވެސް، ޝަމްއާނުގެ މަސައްކަތަށް ހިދުފާ ތައުރީފު ކުރެއްވި އެވެ.

މަގާމުން ވަކިކޮށް ޝަމްއާން ހައްޔަރުކުރީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، ބިދޭސީންނާ ގުޅޭ އޮޕަރޭޝަންތައް ހިންގާ ޓީމުގެ ބޭރުން އެހެން މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ.

އެ ބިދޭސީމީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އޮޕަރޭޝަން ވެސް ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ އޮޕަރޭޝަންތައް ހިންގަން އެ އިދާރާގައި އޮންނަ ޓީމުން ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު، އޭނާގެ ބަންދަށް ފުރަތަމަ 15 ދުވަސް ދީ، އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފަ އެވެ.

އޭނާ ކާމިޔާބީތައް ހޯދަމުން ދިޔައިރު މެސެޖުތައް ދިޔައީ އޮހެމުން. ތައުރީފުގެ އަޑު ގަދަވި. އެހީތެރިކަން ދޭނެ މީހުން ވެސް ތިބި. އެކަމަކު، ނުހައްގުން ޖަލަށް ލީމަ އެ އެންމެން އަޑުމަޑުވެއްޖެ،"--- ހިދުފާ

ހިދުފާގެ ޕޯސްޓުގައި ވިދާޅުވީ ޝަމްއާން ގައުމަށް ހިދުމަތް ކުރެއްވީ ޝަރަފުވެރިކަމާއި އަމާނަތްތެރިކަމާއެކު ކަމަށެވެ. އޭނާގެ އެ މަސައްކަތް ދޮގުކުރެވޭނެ ގޮތެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.

ޝަމްއާންގެ މަސައްކަތުގެ ނަތީޖާ ފެންނަން އެބަހުރި ކަމަށާއި އެކަން ހަމަ ލޮލުން ތަޖުރިބާ ކުރި މީހުން ވެސް އެބަތިބި ކަމަށް ހިދުފާ ފާހަގަކުރެއްވި އެވެ.

"އޭނާ ކާމިޔާބީތައް ހޯދަމުން ދިޔައިރު މެސެޖުތައް ދިޔައީ އޮހެމުން. ތައުރީފުގެ އަޑު ގަދަވި. އެހީތެރިކަން ދޭނެ މީހުން ވެސް ތިބި. އެކަމަކު، ނުހައްގުން ޖަލަށް ލީމަ އެ އެންމެން އަޑުމަޑުވެއްޖެ،" ހިދުފާ ވިދާޅުވި އެވެ.

އޭނާ ވަނީ ޝަމްއާން ނުހައްގުން ހައްޔަރުކޮށްގެން ބަންދުކުރިއިރު އޭނައާ ގާތްކޮށް އުޅުނު މީހުން ކޮބައިތޯ ސުވާލު އުފައްދައިފަ އެވެ.

ރައްޓެހިން ބޭނުންވި ވަގުތުތަކުގައި ޝަމްއާން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވިއަސް ނާއިންސާފާ ކުރިމަތިވިއަސް ދެކޮޅަށް އެއްޗެކޭ ބުނަން ނުކުރެވުނު ކަމަށް ހިދުފާގެ ޕޯސްޓުގައިވެ އެވެ.