Roadha Mihaaru

އިމިގްރޭޝަންގެ ރިޝްވަތުގެ މައްސަލަ: އިތުރު މީހަކު ހައްޔަރުކޮށް އެންމެންގެ ވަނަވަރު އާއްމުކޮށްފި

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި މިދިޔަ ހުކުރު ދުވަހުގެ ރެއާ ހަމައަށް ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ހިމެނޭ ގޮތަށް، މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދާފައިވާ ކަަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް، އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ރޭ އާއްމުކޮށްފި އެވެ.

އިމިގްރޭޝަން ރިޝްވަތުގެ ތުހުމަތު: ވަނަވަރު އާންމުކޮށްފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

24 މާޗް 2025

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައި މިދިޔަ ހުކުރު ދުވަހުގެ ރެއާ ހަމައަށް ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ހިމެނޭ ގޮތަށް، މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދާފައިވާ ކަަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް، އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ރޭ އާއްމުކޮށްފި އެވެ.

އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއެއް ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޭރުގެ ކޮންޓްރޯލަރަކަށް ހުންނެވި ޝަމްއާންގެ ގެއަށް ދިޔަ މައްސަލައެއް ފެންމަތިވެ، އެކަން ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ.

އެ މައްސަލައިގައި ޝަމްއާން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަގާމުން ވަކިކޮށް އެކަމާ ގުޅުން ހުރި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ވަނީ އެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ރޭ އާއްމުކޮށްފަ އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި އެންމެ ފުރަތަމަ، މިދިޔަ ހުކުރު ދުވަހުގެ ރޭ ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ؛

- ތ. ބުރުނީ، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއިލް، 21

- ގ. ހެޕީސައިޑު، އިބްރާހިމް އަހުމަދު، 37

- ގ. ހެޕީސައިޑު، އަހުމަދު ސަހެޝަން، 47

އޭގެ ފަހުން ޝަމްއާން ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވިތަނާ އެވެ.

ފުލުހުން ރޭ ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެންމެ ފަހުން ހައްޔަރުކުރީ މ. ހަޒާރީވިިލާ، އަހުމަދު ލައްސާން، 40، ކަމަށެވެ.

ޝަމްއާނަށް "ރިޝްވަތުގެ" އިނގިލި ދިއްކުރެވުނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަ ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާތީ އެވެ.

ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަން ހިންގީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ބުނީ، އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.