Roadha Mihaaru

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހައްޔަރުކޮށްފި

އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މީގެ އިރުކޮޅެއް ކުރިން ހައްޔަރުކޮށްފި އެވެ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ހައްޔަރުކޮށްފި

އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މީގެ އިރުކޮޅެއް ކުރިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ޝަމްއާން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭނާ ހައްޔަރުކުރިއިރު، ތަހުގީގަށް މިރޭ ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ.

ޝަމްއާން ހައްޔަރުކުރިއިރު، ބިދޭސީމީހާ ދޫކޮށްލުމާއި އެ މީހާގެ އަތުން ފެނުނު 530،000ރ. ނެގި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި ޝަމްއާންގެ ގެ ރޭ ބަލައި ފާސްކޮށް، އެ ގެއިން ފައިސާތަކަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީމީހާ ދޫކޮށްލުމަށް ފަހު، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ދިޔައީ އިއްޔެ ރޭ ކުއްލި ގޮތަކަށް މަގާމުން ވަކިކުރި އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގުން އެނގޭ ކަމަށެވެ.

ޝަމްއާނަށް "ރިޝްވަތުގެ" އިނގިލި ދިއްކުރެވުނީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، ބިދޭސީންތަކެއް އުޅޭ ގެއެއް ބަލައި ފާސްކޮށް ނަގުދު ފައިސާއާ އެކު، އެ ބިދޭސީންތައް ގެންދިޔަ ކަމުގެ މައުލޫމާތު ތަހުގީގަށް ލިބިފައިވާތީ އެވެ.

އެ އޮޕަރޭޝަން ހިންގީ ވެސް ފުލުހުން ބުނިގޮތުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެކެވެ. އެއީ އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުން ބުނީ، އެ ބިދޭސީންތަކުގެ ތެރެއިން 530،000ރ. އާ އެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި ބިދޭސީން އުޅުނު ގެ ބަލައި ފާސްކުރި އިމިގްރޭޝަންގެ މުވައްޒަފުން، ޑިޓެއިނުން ދޫކޮށްލި ބިދޭސީމީހާއާ މަގުމަތިން ބައްދަލުކޮށް، އެ ފައިސާ ހިފައިގެން އެ އޮފިސަރުން ގޮސް ވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލަތަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުން 5 މީހުން ހުއްޓުވައި ބަލައި ފާސްކޮށް، އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެ އެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.

މައުލޫމާތު އެނގޭ މީހަކު "މިހާރު އަށް ބުނީ، ބިދޭސީ މީހާ އިމިގްރޭޝަންގެ ވެހިކަލެއްގައި ގެންގުޅުމަށް ފަހު، މަގުމައްޗަށް އޭނާ ދޫކޮށްލައި، އިމިގްރޭޝަންގެ ދެ މުވައްޒަފަކު ސައިކަލެއްގައި ގޮސް ފައިސާ ހަވާލުކުރީ ސީދާ ޝަމްއާނާ އެވެ.