Roadha Mihaaru
"ދިވެހިން ވެސް ޖޫރިމަނާކޮށް، ޕާސްޕޯޓު ހިފެހެއްޓޭނެ"

ކޮންޓްރޯލަރު ހަނދާން ކޮށްދެއްވީ ދިވެހިން ވެސް ޖޫރިމަނާކޮށް، ޕާސްޕޯޓު ހިފެހެއްޓޭނެކަން!

08 ޖުލައި 2024

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިން ވެސް ޖޫރިމަނާކޮށް، އެހެނިހެން ހަރުކަށި ފިޔަވަޅު އެޅުމުގެ ފުރުސަތު ގާނޫނުން ލިބިދީފައިވާ ކަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން މިރޭ ހަނދާން ކޮށްދެއްވައި، އެ ކަމަށް ސަމާލުވާން އެދިވަޑައިގެންފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިން ވެސް ޖޫރިމަނާކޮށް، އެހެނިހެން ހަރުކަށި ފިޔަވަޅު އެޅުމުގެ ފުރުސަތު ގާނޫނުން ލިބިދީފައިވާ ކަން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން މިރޭ ހަނދާން ކޮށްދެއްވައި، އެ ކަމަށް ސަމާލުވާން އެދިވަޑައިގެންފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ އެކަން ހަނދާން ކޮށްދެއްވީ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަތުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ ރެއިޑް އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

މާލެ އާއި ހުޅުމާލެ އިން މިދިޔަ ހަފުތާއެއްގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް އަތުލައިގަނެ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ގިނަ ބައެއްގެ ކަންބޮޑުވުމަކީ ބިދޭސީން ލައްވައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުވައި އަދި މަސައްކަތް ކުރުވާ ދިވެހިންނާ މެދު ގާނޫނީ ފިޔަވަޅު ނާޅާތީ އެވެ.

އެ ކަންބޮޑުވުމާ އެކު، ކޮންޓްރޯލަރު ޝަމްއާން ހަނދާން ކޮށްދެއްވީ އިމިގްރޭޝަން ގާނޫނުގެ 30 ވަނަ މާއްދާ އެވެ. އެ މާއްދާއާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީން ލައްވައި ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެށް ކަމަށެވެ.

"އަދި އެފަދަ ފަރާތްތައް އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން 50,000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް، އެ މީހެއްގެ ޕާސްޕޯޓު ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވޭ،" ޝަމްއާން ވިދާޅުވި އެވެ.

"އަޅުގަނޑު އިލްތިމާސް ކުރަނީ އެންމެހާ ފަރާތްތަކުން ވެސް އިމިގްރޭޝަންގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް."

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން: ހުންނެވީ ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިންނަށް ވެސް ދޫދެއްވާ ގޮތަކަށް ނޫން.

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން: ހުންނެވީ ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހިންނަށް ވެސް ދޫދެއްވާ ގޮތަކަށް ނޫން.

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ މާލެތެރޭގައި ހިންގާ ދެ މާރުކޭޓެއް ދެ ފަހަރެއްގެ މަތިން ރެއިޑްކޮށް، އެ ތަނުގެ ގޮޅިތަކުގައި ވިޔަފާރި ހިންގާ ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މަޖީދީ މަގުން ވިލާ މާޓު ކައިރީގައި ހިންގާ މާރުކޭޓާއި އަމީނީ މަގުން ޕީއެސްއެމް ކައިރީގައި ހިންގާ ލޯކަލް މާރުކޭޓު މިދިޔަ މަހުގެ 29 ވަނަ ދުވަހު ރެއިޑްކޮށް، އެ ތަނުގައި ތިބި ހުރިހާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންޔަ އެވެ. އެކަމަކު އަނެއްކާވެސް އާ ބިދޭސީންތަކެއް ނެރެގެން އެ ދެ މާރުކޭޓުގެ ގޮޅިތައް ހިންގަން ފެށުމާ އެކު، ރޭ ހިންގި ރެއިޑް އޮޕަރޭޝަންގައި ހަ މީހުން އަތުލައިގަތެވެ.

އަމީނީ މަގުގައި ހިންގާ މާރުކޭޓަށް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ވަދެ ރޭ ހިންގި ރެއިޑް އޮޕަރެޝަންގައި ފުލުހަކު އެ މާރުކޭޓު ތެރޭގައި މަޑުކޮށްލައިގެން.---ފޮޓޯ: މިހާރު

އަމީނީ މަގުގައި ހިންގާ މާރުކޭޓަށް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ވަދެ ރޭ ހިންގި ރެއިޑް އޮޕަރެޝަންގައި ފުލުހަކު އެ މާރުކޭޓު ތެރޭގައި މަޑުކޮށްލައިގެން.---ފޮޓޯ: މިހާރު

އެ އޮޕަރޭޝަނާ އެކު، މަޖީދީ މަގު މާރުކޭޓު ރެއިން ފެށިގެން ވަނީ ބަންދުކޮށްފަ އެވެ. އެއީ އެ ތަނުގެ ގޮޅިތައް ހިންގާނެ ބަޔަކު ނެތުމުންނެވެ. އެކަމަކު، އަމީނީ މަގު މާރުކޭޓުގެ ގޮޅިތައް ހިންގަން ވަގުތުން ދިވެހިން ނުކުތުމުން ބަންދު ކުރާކަށް ނުޖެހުނެވެ.

އިމިގްރޭޝަނުން ބުނީ، މިރޭ ވެސް ހުޅުމާލެ 1 ގެ ދެ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ހަތަރު ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. ހުޅުމާލެ 1 ގައި ޓޭކްއަވޭ ކޮފީގެ ވިޔަފާރި ހިންގާ ބިދޭސީންތަކެއް ވެސް މިދިޔަ ހަފުތާގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިިކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު ވަނީ ވިދާޅުވެފަ އެވެ. އަދި އެންމެ ފަހުން އެ އިދާރާ އިން އަތުލައިގަތް އެންމެންނާ މެދު ވެސް އަމަލު ކުރާނީ އެ ގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެ ކަމަށް ފުރިހަމަ ހައްލެއް ނުލިބެނީސް ދޫނުދެއްވާނެ ކަމަށެވެ.