Roadha Mihaaru
އަމިއްލައަށް ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓް ކޮށްލަނީ!

އަމިއްލަ އަށް ވިޔަފާރި ހިންގާ ބިދޭސީން ފެނުނު، އެންމެން ޑީޕޯޓްކޮށްލާނެ: އިމިގްރޭޝަން

30 ޖޫން 2024

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަންގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ރާއްޖެ އިން ޑީޕޯޓް ކޮށްލާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި އިއްޔެ ހިންގި އޮޕަރޭޝަންގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ރާއްޖެ އިން ޑީޕޯޓް ކޮށްލާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެއްޖެ އެވެ.

ފުލުހުން ބުނީ، ލޯކަލް މާރުކޭޓާއި މާލެތެރޭގައި ހިންގާ އެހެން މާރުކޭޓުތައް އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގި އެ އޮޕަރޭޝަނުން ފާހަގަވި، ގަވާއިދާ ހިލާފަށް ފިޔަފާރިކުރާ 50 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި ކަމަށެވެ.

އެ ކަމާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރު ރޭ ވިދާޅުވީ، އެ 50 މީހުންގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކޮށްފައިވާ މަސައްކަތުގެ ބޭރުން އަމިއްލަ އަށް ވިޔަފާރި ހިންގާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

"އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެ އިން ޑީޕޯޓްކޮށް ފޮނުވާލެވޭނެ،" ޝަމްއާން ވިދާޅުވި އެވެ.

އިއްޔެގެ އޮޕަރޭޝަންގައި، ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމާ އެކު، މާލެތެރޭގައި ހިންގާ ދެ މާރުކޭޓެއްގެ އެންމެ ގޮޅިއެއް ފިޔަވައި ހުރިހާ ގޮޅިއެއް ބަންދުކުރަން ޖެހުނެވެ. އެއީ އެ ގޮޅިތައް ހިންގަން މުޅިން ތިބީ ބިދޭސީންނަށް ވެފައި، އެ އެންމެން ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔައީ އުސޫލުން ބޭރުން ކަމަށް ވާތީ އެވެ.

އަމީނީ މަގުން ޓީވީއެމް ބިލްޑިންގް ކައިރީގައި ހިނގާ މާރުކޭޓަށް ވަންނަ ގޭޓު ކައިރީގައި ހުންނަ ގޮޅި "ސަލާމަތްވީ" އެ ތަނާ ހަވާލުވެ، ޒިންމާ ނަގާނެކަން ލިޔެކިޔުމުން އެނގޭނެ ދިވެއްސަކު ހުރުމުން ކަަމަށް އެނގިފައި ވެ އެވެ. ރޭގައި އެ ގޮޅި ހިންގަން ދިވެހި މީހާ ހުއްޓަސް މީގެ ކުރިން އެ ތަނުގައި ފައިސާ ބަލައިގަނެ، ހިންގަން ހުންނަނީ ބިދޭސީއެކެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އުޅޭތީ ބަންދު ކުރަން ޖެހުނީ މަޖީދީ މަގުން ވިލާ މާޓު ކައިރީގައި ހިންގާ މާރުކޭޓެވެ. އެއީ ގަވާއިދަށް ފެތޭ އެންމެ ބިދޭސީއަކު ވެސް ނެތުމުންނެވެ.

އަމީނީ މަގުގައި ހިންގާ މާރުކޭޓުގެ ގޮޅިތަކުގައި ތިބޭ ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭތީ، އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން ގޮޅިތައް ރޭ ބަންދު ކޮށްފައި.---ފޮޓޯ: މިހާރު

އަމީނީ މަގުގައި ހިންގާ މާރުކޭޓުގެ ގޮޅިތަކުގައި ތިބޭ ބިދޭސީން ގަވާއިދާ ހިލާފަށް އުޅޭތީ، އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން ގޮޅިތައް ރޭ ބަންދު ކޮށްފައި.---ފޮޓޯ: މިހާރު

ފިހާރަތަކުގެ ސޭޓުންގެ ގޮތުގައި ބިދޭސީން ތިބުމަކީ މަނާކަމަކަށް ވިޔަސް މާލޭގެ ކެފޭ/ރެސްޓޯރަންޓުތަކާއި ފިހާރަކުގައި ބިދޭސީން ވަރަށް ގިނަ އެވެ. މާލެތެރޭގައި އަމިއްލަ ފަރާތްތަކުން ހިންގާ މާރުކޭޓުތަކުގައި ފައިސާ ބަލައިގަނެ، އެ ތަންތަންތަނުގެ އޮޕަރޭޝަންގައި މުޅިން ކަހަލަ ގޮތަކަށް ތިބެނީ ބިދޭސީންނެވެ. އަދި ވިޔަފާރި ކުރުމަށް ފަހު ފައިސާ ޓްރާންސްފާ ކުރަނީ ވެސް ބިދޭސީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކަށެވެ. އެއީ ވެސް މަނާ ކަމެކެވެ.

އިއްޔެގެ އޮޕަރޭޝަނާ އެކު، އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކަށް ވާތީ، އެ މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާދކުރަމުން ދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.