Roadha Mihaaru
ދެ މާރުކޭޓް ރެއިޑްކޮށް ރޭ ވެސް ބިދޭސީން އަތުލައިގަތް!

ދެ މާރުކޭޓް ރެއިޑްކޮށް، ރޭ ވެސް ގަވާއިދާ ޚިލާފު ބިދޭސީން އަތުލައިގަތް!

08 ޖުލައި 2024

މާލޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން ފުލުހުންނާއި އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަނުގައި ލޯކަލް މާރުކޭޓުގެ ގޮޅިތަކަކުން ރޭ ވެސް ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން ފުލުހުންނާއި އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަނުގައި ލޯކަލް މާރުކޭޓުގެ ގޮޅިތަކަކުން ރޭ ވެސް ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

މިދިޔަ މަހުގެ 29ގައި ފުޅާކޮށް ހިންގަން ފެށި އޮޕަރޭޝަނުގައި މިހާތަނަށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި އޮޕަރޭޝަނުގައި މަޖީދީ މަގު، ވިލާ މާޓް ކައިރީގައި ހިންގާ މާރުކޭޓާއި އަމީނީ މަގު، މާރުކޭޓުގައި ތިބި ހުރިހާ ބިދޭސީން މިދިޔަ ހަފުތާގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ހިންގާނެ ބަޔަކު ނެތިގެން ހަމަ އެ ރޭ ދެ މާރުކޭޓުގެ ގޮޅިތައް ވެސް ބަންދުކުރަން ޖެހުނެވެ.

އެކަމަކު، ޖެހިގެން އައި ދުވަހު އެހެން ބިދޭސީންތަކެއް ނެރެގެން، ދެ މާރުކޭޓުގެ ގޮޅިތައް ވެސް ހިންގަން ފެށީ އެވެ. ދިވެހިންނަށް ދޫކޮށްފައިވާ ގޮޅިތަކެއް އެއް ބަޔަކު ހައްޔަރުކުރުމުން އެހެން ބިދޭސީންތަކެއް ހޯދައި މިގޮތަށް ހިންގާ ވާހަކަ "މިހާރު"ގައި އިއްޔެ ރިޕޯޓްކުރުމާ އެކު އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ވަނީ އަނެއްކާވެސް އެ ދެ މާރުކޭޓް ރޭ ރެއިޑްކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ ތަނުން ހައްޔަރުކުރީ ހަތަރު ބިދޭސީންނެވެ.

އޮޕަރޭޝަނުގައި ހަތަރު ބިދޭސީން ރޭ އަތުލައިގަނެވުނަސް، އިއްޔެ ހެނދުނު "މިހާރު"ން ދެ މާރުކޭޓުގެ ގޮޅިތައް ބެލިއިރު، ގިނަ ގޮޅިތަކުގައި ވިޔަފާރި ހިންގަން ތިބީ ބިދޭސީންނެވެ.

އަމީނީ މަގުގައި ހިންގާ މާރުކޭޓަށް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ވަދެ ރޭ ހިންގި ރެއިޑް އޮޕަރެޝަންގައި ފުލުހަކު އެ މާރުކޭޓު ތެރޭގައި މަޑުކޮށްލައިގެން.---ފޮޓޯ | މިހާރު

އަމީނީ މަގުގައި ހިންގާ މާރުކޭޓަށް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ވަދެ ރޭ ހިންގި ރެއިޑް އޮޕަރެޝަންގައި ފުލުހަކު އެ މާރުކޭޓު ތެރޭގައި މަޑުކޮށްލައިގެން.---ފޮޓޯ | މިހާރު

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، އޮޕަރޭޝަނުގައި ދެ މާރުކޭޓުން އެހާ މަދު ބަޔަކު އަތުލައިގަނެވުނީ އެ ވަގުތު ގޮޅިތައް ދިވެހިންނާ ހަވާލުކޮށް ބިދޭސީން ދުރުގައި ތިބުމުންނެވެ. އޭނާ ލަފާކުރާ ގޮތުގައި، ރޭގެ ރެއިޑް އޮޕަރޭޝަންގައި އިމިގްރޭޝަނާއި ފުލުހުންދާ ކަން ކުރިން އެނގުނީ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދަން ފެށި އޮޕަރޭޝަނާ އެކު، ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމަކީ ޗޮއިސްއެއްގެ ގޮތަށް އޮތް އޮތުން ނިމުމަކަށް އައީ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހުއްޓުވައި ފިޔަވަޅު އަޅަން ހިންގާ އޮޕަރޭޝަނުގައި، މާލެ ތެރޭގައި ހިންގާ މާރުކޭޓުތަކުން އެކަނި މިހާތަނަށް 50 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އެ މީހުން ރާއްޖެ އިން ޑީޕޯޓްކުރަން، އިދާރީ މަސައްކަތްތައް ނިމެންދެން އަދިވެސް ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.

އަމީނީ މަގުގައި ހިންގާ މާރުކޭޓަށް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ވަދެ ރޭ ހިންގި ރެއިޑް އޮޕަރެޝަންގައި ފުލުހަކު އެ މާރުކޭޓު ތެރޭގައި މަޑުކޮށްލައިގެން.---ފޮޓޯ | މިހާރު

އަމީނީ މަގުގައި ހިންގާ މާރުކޭޓަށް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ވަދެ ރޭ ހިންގި ރެއިޑް އޮޕަރެޝަންގައި ފުލުހަކު އެ މާރުކޭޓު ތެރޭގައި މަޑުކޮށްލައިގެން.---ފޮޓޯ | މިހާރު

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެފައި ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށެވެ.

މާރުކޭޓުތައް ހިންގުމާއި ސޭޓުންގެ ގޮތުގައި ބިދޭސީން ތިބުމަކީ ރާއްޖޭގައި މަނާކަމެކެވެ. އެކަމަކު އެ މައްސަލަ ހައްލު ނުވެ އާއްމު ގިނަ ވިޔަފާރިތަކެއްގެ ކޮންޓްރޯލް މިހާރު އޮތީ ބިދޭސީންގެ އަތްމަތީގަ އެވެ.