Roadha Mihaaru
ދެ މާރުކޭޓުން 6މީހަކު ބަންދުކޮށް، އޮޕަރޭޝަން ކުރިއަށް

މާރުކޭޓު ގޮޅިތަކުން ހަ މީހަކު ބަންދުކުރި، އޮޕަރޭޝަން ނުހުއްޓާނަން: އިމިގްރޭޝަން

08 ޖުލައި 2024

މާލޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން ހިންގާ އޮޕަރޭޝަނުގައި ދެ މާރުކޭޓުން ރޭ ހަ މީހަކު ބަންދުކުރި ކަމަށާއި މި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން ހިންގާ އޮޕަރޭޝަނުގައި ދެ މާރުކޭޓުން ރޭ ހަ މީހަކު ބަންދުކުރި ކަމަށާއި މި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

ހަ މީހުން ރޭ ހައްޔަރުކުރި ދެ މާރުކޭޓް މިދިޔަ ހަފުތާގައި ވެސް ރެއިޑްކުރި އެވެ. އެ އޮޕަރޭޝަނުގައި ބިދޭސީންތަކެއް އަތުލައިގަތުމުން ވިޔަފާރި މެދުކެނޑިފައި ވަނިކޮށް، އެ ގޮޅިތަކަށް އެހެން ބިދޭސީންތަކެއް ނެރެ އަލުން ވިޔަފާރި ފެށީ އެވެ.

އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ބިދޭސީން ގަވާއިދާ ހިލާފަށް ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ރޭ ވެސް މާލެ ސަރަހައްދުގެ ދެ މާރުކޭޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ބިދޭސީ ހަތަރު ފިރިހެނަކާއި ބިދޭސީ ދެ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.

"މި އޮޕަރޭޝަންތައް ކުރިއަށް އޮތްތަނުގައި ވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި،" އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ހިންގި ރެއިޑްގައި ބަންދުކުރި ބައެއް ބިދޭސީން.-- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ހިންގި ރެއިޑްގައި ބަންދުކުރި ބައެއް ބިދޭސީން.-- ފޮޓޯ: އިމިގްރޭޝަން

މިދިޔަ މަހުގެ 29 ގައި ފުޅާކޮށް ހިންގަން ފެށި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 50 ބިދޭސީއަކު ބަންދުކޮށްފަ އެވެ.

މި އޮޕަރޭޝަނުގައި މަޖީދީ މަގު، ވިލާ މާޓް ކައިރީގައި ހިންގާ މާރުކޭޓާއި އަމީނީ މަގު، މާރުކޭޓުގައި ތިބި ހުރިހާ ބިދޭސީން މިދިޔަ ހަފުތާގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ހިންގާނެ ބަޔަކު ނެތިގެން ހަމަ އެ ރޭ ދެ މާރުކޭޓުގެ ގޮޅިތައް ވެސް ބަންދުކުރަން ޖެހުނެވެ. ނަމަވެސް އޭގެ އަނެއް ދުވަހު އަނެއްކާ ވެސް އެހެން ބިދޭސީންތަކެއް އެ މާރުކޭޓު ހިންގަން ފެށި އެވެ. ރޭ ވެސް މީހުން ބަންދުކުރީ އެ ދެ މާރުކޭޓުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވި ގޮތުގައި، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދަން ފެށި އޮޕަރޭޝަނާ އެކު، ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމަކީ ޗޮއިސްއެއްގެ ގޮތަށް އޮތް އޮތުން ނިމުމަކަށް އައީ އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި މިހާރު ތިބި ބިދޭސީންގެ ލިިޔެކިޔުންތައް ހަމަކޮށް، ރާއްޖެ އިން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ކުރިން ބުނެފައިވެ އެވެ.