Roadha Mihaaru
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ މީހާ އަތުލައިގެންފި

ބުޅާ މަރައި، އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ބުނާ ބިދޭސީ މީހާ އަތުލައިގެންފި

20 އޯގަސްޓް 2024

މާލޭގައި ދިރިއުޅޭ ބުޅާތައް މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކޮށް ރޭ އިމިގްރޭޝަނުން ހޯދަން އިއުލާން ކުރި ބިދޭސީ މީހާ ފިލައިގެން އުޅެނިކޮށް އަތުލައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގައި ދިރިއުޅޭ ބުޅާތައް މަރައިގެން އޭގެ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ތުހުމަތުކޮށް ރޭ އިމިގްރޭޝަނުން ހޯދަން އިއުލާން ކުރި ބިދޭސީ މީހާ ފިލައިގެން އުޅެނިކޮށް އަތުލައިގެންފި އެވެ.

ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، ހޯދަން އިއުލާންކުރީ ބަންގްލަދޭޝަށް ނިސްބަތްވާ އަރްފާތް ހޮސެއިން، 32 އެވެ.

ފުލުހުން ބުނީ، އެ މީހާ ހިފެހެއްޓީ މިއަދު ހެނދުނު 10:33 ހާއިރު، މާފަންނު ދިލްބަހާރު މަގުގައި ހުންނަ ބޯކޮށައިދޭ ތަނަކުން ކަމަށެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މީހާ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އިއުލާންކޮށްފައި ވަނިކޮށް އިމިގްރޭޝަން އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާ އެކު އެ މީހާ ހޯދައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން އިއްޔެ ބުނި ގޮތުގައި، އެ ބިދޭސީ މީހާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެކެވެ. އޭނާ ހޯދީ މާލޭގައި އުޅޭ ބުޅާތައް މަރައިގެން ކާތަކެތި ތައްޔާރު ކުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ.

އެ ބިދޭސީ މީހާއާ ދިވެއްސަކު ސުވާލުކުރާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ރެއިން ފެށިގެން އަންނަނީ ދައުރުވަމުންނެވެ. ބިދޭސީ މީހާ މަޑުކޮށްގެން ހުރީ މާލޭގެ ބޮޑުތަކުރުފާނު މަގުން މޭރީބްރައުން ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގަ އެވެ. އެއީ ގިނަ އަދަދަކަށް ބުޅާ އުޅޭ ސަރަހައްދެކެވެ.

ބުޅާ މަރައިގެން އޭގެ މަހުން ކާނާ ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރާ ބިދޭސީ މީހާ.-- ފޮޓޯ: އިމިގްރޭޝަން

ބުޅާ މަރައިގެން އޭގެ މަހުން ކާނާ ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރާ ބިދޭސީ މީހާ.-- ފޮޓޯ: އިމިގްރޭޝަން

ޕްލާސްޓިކް ކޮތަޅުތައް ހިފައިގެން ބިދޭސީ މީހާ އެ ސަރަހައްދުގައި އުޅޭ ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ އެއީ ބުޅާތައް ގެއަށް ގެންދަން ބޭނުންކުރާ އެއްޗެއް ކަމަށެވެ.

ވީޑިއޯ ތައްޔާރުކުރި ދިވެހި މީހާ ވަނީ ބިދޭސީ މީހާ ދިރިއުޅޭ ގޭގެ ވީޑިއޯ ވެސް ނަގައި އާންމުކޮށްފަ އެވެ. އެ ސަރަހައްދުގައި އުޅޭ އަވައްޓެރިންނާ ހަވާލާދީ، ވީޑިއޯގައި ބުނީ އެ ގޭގެ ތެރެއިން ބުޅަލުގެ އެކި ގުނަވަންތައް ފެނިފައިވާ ކަމަށެވެ.

"އަދި ބުޅާ ރޯތީ އަޑު އިވިފައި އެބަހުރި. މި ތަނަށް ވަދެ ބަލައިލުމުން ވެސް އެބަ އެނގޭ މި ތަނަކީ މިއީ ކާބޯތަކެތި ތައްޔާރުކުރުމަށް ހާއްސަ ކޮށްފައި ހުރި ތަނެއް ކަން. މައްޗަށް ނަގައިފައި މި ފެންނަ ދުންހޮޅިއަކީ މި ބިދޭސީ މީހާ ދިރިއުޅޭ ގޭގައި ހަރުކޮށްފައި އިން އެއްޗެއް،" އެ ވީޑިއޯގައި ބުންޏެވެ.

ހަނި ގޯޅިއަކުން ވަދެވެން ހުންނަ އެ ގޭގެ ތެރެއަށް ވަދެ ދިވެހި މީހާ ވަނީ ވީޑިއޯ ވެސް ކޮށްފަ އެވެ. އެ ބިދޭސީ މީހާ ދިރިއުޅޭ ބައި ހުންނަ ހިސާބަށް ދިވެހި މީހާ ދާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ. ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނުގައި ހަރުކޮށްފައި ހުންނަ ބޮޑު ދުންހޮޅިއެއް ވެސް އެތަނުގައި ހުއްޓެވެ.

މީގެ ކުރިން އެ ބިދޭސީ މީހާ ބާގާ އާއި ސަބްމެރިން ވިއްކަމުން ދިޔައީ އިނގިރޭސި ބަހުން ލިޔެ، ލޯގޯ ޖަހައިގެން ނަމަވެސް މިހާރު އޭނާ އެ ތަކެތި ވިއްކަނީ ލޯގޯ ނުޖަހައި ކަމަށް ވެސް އެ ވީޑިއޯގައި ދިވެހި މީހާ ބުންޏެވެ. އޭރު އެ މީހާ ބޭނުންކުރި ލޯގޯތައް ވެސް ވީޑިއޯ އިން ދައްކަ އެވެ.