Roadha Mihaaru
ބިދޭސީންގެ ފުޑް ފެކްޓްރީ ބަންދުކޮށް ދެ މީހަކު ބަންދަށް

ބިދޭސީންގެ "ފުޑް ފެކްޓްރީ" އެއް ބަންދުކޮށް ދެ މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

02 ސެޕްޓެމްބަރ 2024

ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ބިދޭސީންނަށް ކާބޯތަކެތި ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ދިޔަ ތަނެއް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅުނު ދެ މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ބިދޭސީންނަށް ކާބޯތަކެތި ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ދިޔަ ތަނެއް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅުނު ދެ މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިތަނުގެ ވީޑިއޯއެއް މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި އާންމުވި އެވެ. އޭގައި ފެންނަނީ ހުޅުމާލޭ ސައިމާ ހިނގުމުގައި ހުންނަ އޮޓޯ ކެއާ ގަރާޖާ ޖެހިގެން އޮންނަ ގޯޅިގަނޑެއްގެ ތެރޭގައި ހުރި ތަނެއްގައި އެކި ކަހަލަ ކާނާ ތައްޔާރުކޮށް އެތަނުގެ ތެރޭގައި މީހުން ކާން ތިބޭ ތަނާއި އެތަނުން އެކި ތަންތަނަށް ޑެލިވަރީގެ މަސައްކަތް ކުރާތީ އެވެ.

އެ ވީޑިއޯ ކުރަމުންދިޔައިރު ވެސް އެތަނުގެ ތެރޭގައި ބިދޭސީން އުޅޭ މަންޒަރާއި ކާއެއްޗެހި ކޮތަޅުތަކަށް އަޅައިގެން ޑެލިވަރީކުރަންދާ މަންޒަރު ފެނެ އެވެ. ނުތާހިރުކޮށް އެ ތަނުގެ ތެރޭގައި ހެދިކާ އާއި ރިހަ ފަދަ ކާބޯތަކެތި ތައްޔާރުކުރުމަށް ބޮޑެތި ތެލިތައް ބަހައްޓާފައި ހުއްޓެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ ސާފުތާހިރުކަން ކުޑަކޮށް ހިންގަމުން ދިޔަ ތަނުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އެތަން ބަންދުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު އެތަނުގައި ނޯޓިސް ހަރުކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ ތަނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއާ ގުޅިގެން ގަރާޖެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެވަގުތު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި ދެ މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

ހުޅުމާލޭގެ ސިނާއީ ސަރަހައްދު ދޫކޮށްފައި ވަނީ ގަރާޖުތަކާއި ވޯކްޝޮޕްތަކާއި ގުދަންތައް ހިންގުމަށެވެ. އެކަމަކު އެ ތަންތަނުގައި ބިދޭސީން ކާބޯތަކެތީގެ ވިޔަފާރި ކުރެ އެވެ.

އިމިގްރޭޝަނުން މިހާރު އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. މިގޮތަށް ހިންގާ އޮޕަރޭޝަންތަކުގައި ވަރަށް ނުތާހިރުކޮށް ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން ވެސް ފެނިފައިވެ އެވެ. މިފަހުން އިމިގްރޭޝަނުން ދިން މައުލޫމާތުން އެނގޭ ގޮތުގައި މިފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅުނު 3000 އަށް ވުރެ ގިނަ ބަޔަކު ވަނީ ޑީޕޯޓުކޮށްފަ އެވެ.