Roadha Mihaaru
ހުޅުމާލޭގައި ވިޔަފާރިކުރާ 22 ބިދޭސީއަކު ހިފަހައްޓައިފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ 22 ބިދޭސީއަކު ހިފަހައްޓައިފި

28 ޖުލައި 2024

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން ބުނީ ހުޅުމާލޭގައި ހުންނަ ތިން ބުރީގެ އިމާރާތެއްގައި ހިނގަމުން ދިޔަ ކަންކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކުރުމުން ރޭ އެތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެތަނުގައި ގަވައިދާ ޚިލާފަށް ކާބޯތަކެތި ހަދައި ވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެ ވަގުތު އެތަނުގައި އުޅުނު 22 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން އިމިގްރޭޝަނުން މިހާރު ފަށާފައިވާ ބޮޑު އޮޕަރޭޝަންގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު މާލެއިން ހަތަރު ތަނެއް ފާސްކޮށް 16 މީހަކު ވެސް ވަނީ އިމިގްރޭޝަނުން އަތުލައިގެންފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް މި ފަހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް 130 އެއްހާ ބިދޭސީން ވަނީ އަތުލައިގެންފަ އެވެ.

އިމިގްރޭޝަނުން ނިންމާފައި ވަނީ އެންމެން ވެސް ޑީޕޯޓު ކޮށްލުމަށެވެ. އަދި އެކަން ކުރެވެން ދެން އެ މީހުން ތިބޭނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގައި އެ މީހުން އުސޫލުން ބޭރުން ހިންގާ ވިޔަފާރިތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ފޯކަސް ކޮށްފަ އެވެ. ހާއްސަކޮށް ބިދޭސީ ސޭޓުންނާއި ވިޔަފާރި ހިންގާ ގިނަ ބިދޭސީންތަކެއް މި ފަހުން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.