Roadha Mihaaru

އިމިގްރޭޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.

އިމިގްރޭޝަނުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

25 މެއި 2025

މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފި އެވެ.

އެ އިދާރާ އިން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ ހުޅުމާލެ 1 ގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

އެ އޮޕަރޭޝަންގައި ފުރަތަމަ ފަހަރަށް އިމިގްރޭޝަން އޮފިސަރުން ބޮޑީ ކެމެރާ ބޭނުންކުރި ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނައިރު އިމްގްރޭޝަނުން ވަނީ އިމިގްރޭޝަން ވޮޗް އިން ބިދޭސީންނާއި ގުޅޭ ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސާފަ އެވެ.

ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ވެސް ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ. ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން އެ މައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ.

ދިވެހި ފުލުހުން ވެސް 2022 ވަނަ އަހަރު ވަނީ ބޯޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށައިފަ އެވެ. މުޒާހަރާތަކާއި ބޮޑެތި އޮޕަރޭޝަން ތަކުގައި ފުލުހުން މިހާރު އެ ކެމެރާތައް ބޭނުން ކުރެ އެވެ. ޖަލު އޮފިސަރުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފަށާފައި ވަނީ 2023 ގަ އެވެ.