Roadha Mihaaru
ވިސާ ނެތް ބިދޭސީ އަންހެނަކު ސްޕާއަކުން ހައްޔަރުކޮށްފި

ވިސާ ނެތް ބިދޭސީ އަންހެނަކު ސްޕާއަކުން ހައްޔަރުކޮށްފި

11 ޖުލައި 2024

ލިޔެކިޔުންތަށް ހަމައަށް ނެތް މާލޭގެ ސްޕާއެއްގައި މަސައްކަތްކުރި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ލިޔެކިޔުންތަށް ހަމައަށް ނެތް މާލޭގެ ސްޕާއެއްގައި މަސައްކަތްކުރި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގައި، ސައްހަ ވިސާ ނެތި ސްޕާތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް ހާއްސަކޮށްގެން ރޭ ތިން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ތަންތަން ބަލައި ވިސާ ނެތް ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އެ އިދާރާ އާއި ފުލުހުން ގުޅިގެން ފަށާފައިވާ ބޮޑު އޮޕަރޭޝަންގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 101 ބިދޭސީއަކު އަތުލައިގަނެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ އެންމެންގެ ލިޔެކިޔުންތައް ހަމަކޮށް، ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

މާލޭގައި ހަށި ވިއްކުމުގައި އުޅޭ ބިދޭސީންތަކެއް ހައްޔަރުކޮށްގެން ގެންދަނީ.-- ފޮޓޯ: އިމިގްރޭޝަން

މާލޭގައި ހަށި ވިއްކުމުގައި އުޅޭ ބިދޭސީންތަކެއް ހައްޔަރުކޮށްގެން ގެންދަނީ.-- ފޮޓޯ: އިމިގްރޭޝަން

މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް 1،800 އާ ގާތްކުރާ އަދަދަކަށް ރާއްޖެ އިން ބިދޭސީން ޑީޕޯޓް ކޮށްލާފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

މާލޭގައި ބިދޭސީން ހިންގާ މާރުކޭޓުތަކާއި ކުދި ރީޓެއިލް ފިހާރަތަކާއި ޓޭކްއަވޭ ކޮފީތައް ވެސް ބަލައި ފާސްކޮށް މީހުން ހައްޔަރުކުރި އެވެ. އަދި ހަށި ވިއްކުމުގައި އުޅޭ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހުއްޓުވަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ކަމަށް ފުރިހަމަ ހައްލެއް ނުލިބެނީސް ދޫނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.