ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
04 ސެޕްޓެމްބަރ 2025
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވީ ވަރަށް ފުޅާ ދާއިރާއެއްގެ ލީގަލައިޒޭޝަން ނުވަތަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
އެ ޕްރޮގްރާމަކީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ މީހުންނަށް ސިސްޓަމުގެ ތެރެއަށް ވަނުމަށް ލިބޭ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖީދު ވިދާޅުވި ގޮތުގައި ޑޮކިއުމަންޓްތައް ނެތް މީހުންނާއި ފިލައިގެން އުޅޭ މީހުން އަދި އެ ނޫން ވެސް ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ގަވާއިދުގެ ތެރެއަށް ވަނުމަށް އެ ޕްރޮގްރާމުގެ ދަށުން ފުރުސަތު ލިބޭނެ އެވެ.
އެހެންވެ، އެ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ އެދިވަޑައިގަތެވެ.
ބިދޭސީން ގަވާއިދަށް ފެއްތުމަށް ފުރަތަމަ ހިންގި ޕްރޮގްރާމުގެ ދަށުން ވެސް އެނގިގެން ދިޔައީ ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ކަމަށް މަޖީދު ވިދާޅުވި އެވެ. އަދި ވަަޒީފާދޭ ފަރާތްތަކުގެ އިހުމާލުންނާއި އެ ނޫން ވެސް އެކި ސަބަބުތަކާ ހުރެ މީހުން ގަވާއިދާ ހިލާފަށް އުޅެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ޕްރޮގްރާމް ދަށުން ގަވާއިދުގެ ތެރެއަށް ވަނުމަށް ހަ މަސް ދުވަހުގެ މުއްދަތެއް އެމީހުންނަށް ދޭނެ އެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަނުގައި ބިދޭސީންތަކެއް މައުލޫމާތު ދިނުމަށް ކިއުގައި މަޑުކޮށްލައިގެން-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މަޖީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
ބިދޭސީންގެ މައުލޫމާތާއި ފޮޓޯ އެއްކުރުމަށް މިދިޔަ އަހަރުގެ މެއި މަހުގައި ފެށި "ކުރަނގި" އޮޕަރޭޝަން އެއް އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެވެ. އަދި އެކަންކަން ފުރިހަމަ ކުރަން ވަޒީފާދޭ ފަރާތްތަކަށް ވެސް އިތުރު އެއް މަސް ދުވަހުގެ މުއްދަތެއް ދިނެވެ.
މަޖީދު ވިދާޅުވި ގޮތުގައި އެ މުއްދަތުގައި 160،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވުނެވެ.
އެ އޮޕަރޭޝަނުން ހާސިލުކުރަން ބޭނުންވީ ދެ ކަމެއް ކަމަށާއި އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން 100 ޕަސެންޓް މީހުންގެ މައުލޫމާތު އެއްކުރުމާއި އެންމެންނަކީ ވެސް ގަވާއިދުގެ ތެރެއިން އުޅޭ ބަޔަކަށް ހެދުން ކަަމަށް މަޖީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފުރުސަތަށް ފަހު، މިހާރު ކުރިއަށް ދަނީ ގަވާއިދުތައް ތަންފީޒުކުރުމާއި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުމެވެ. އޭގެ ދަށުން ވަނީ ބިދޭސީންގެ މައުލޫމާތާއި ފޮޓޯ ނުދޭ ފަރާތްތައް އެކްސްޕެޓް ޕޯޓަލުން ސަސްޕެންޑްކޮށްފައި ކަމަށް މަޖީދު ވިދާޅުވި އެވެ.
ގަވާއިދުތައް ތަންފީޒުކުރުމަށް އެޅި ފުރަތަމަ ފިޔަވަޅަކީ އެއީ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ގަވާއިދަށް ފެއްތުމަށް ކަނޑައަޅާ މުއްދަތުގައި އެގޮތަށް އަމަލުނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މަޖީދު ވިދާޅުވި އެވެ.
މަޖީދު ވިދާޅުވީ މި ސަރުކާރު އައިއިރު ބިދޭސީންގެ ފީތަކަށް ދައްކަންޖެހޭ ފައިސާ ދައުލަތަށް ނުލިބޭ މައްސަލަ ބޮޑު ކަމަށެވެ. އޭރު ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާ ފީގެ ގޮތުގައި ނުލިބި އޮތަސް މި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު އޭގެ ތެރެއިން 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން މިދިޔަ އަހަރު ވަނީ ބިދޭސީ މަސައްކަތްތެރިން އުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި، ވަނީ ޑީޕޯޓްކޮށްފަ އެވެ. އެ ޕްރޮގްރާމް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ އެވެ.
އިމިގްރޭޝަނުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި
ބިދޭސީންގެ ފީތަކަށް 1.6 ބިލިއަން ރުފިޔާ ހޯދައިފި
ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ
ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކުރަނީ
މާލެ އިން 1،455 ބިދޭސީއެއްގެ މައުލޫމާތު ނަގައިފި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
4 މަސްތެރޭ އިމިގްރޭޝަން ވޮޗްއަށް 1،017 މައްސަލަ
ގަވާއިދާ ހިލާފަށް އުޅުނު 14 ބިދޭސީއަކު އިމިގްރޭޝަނަށް
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ބިދޭސީން ގެއްލިގެން ހުށަހަޅާ ރިޕޯޓުން ބޮޑު ފީއެއް