Roadha Mihaaru

ބިދޭސީންގެ ފީތަކަށް 1.6 ބިލިއަން ރުފިޔާ ހޯދައިފި

މި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ފީތައް ދައްކާ މިންވަރު އިތުރުވެފައިވާ ކަމަށާއި މިހާތަނަށް ނުދައްކާ އޮތް 1.6 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބިދޭސީންގެ ފީތަކަށް 1.6 ބިލިއަން ރުފިޔާ ހޯދައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

09 އެޕްރީލް 2025

މި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ފީތައް ދައްކާ މިންވަރު އިތުރުވެފައިވާ ކަމަށާއި މިހާތަނަށް ނުދައްކާ އޮތް 1.6 ބިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބިދޭސީންގެ މައްސަލާގައި ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި މަޖީދު ވިދާޅުވީ ބިދޭސީންނާ ގުޅޭ ކަންކަން އިސްލާހުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު ހަވާލުވިއިރު ބިދޭސީންނާ ގުޅޭ އެކި ފީތަކަށް ދައުލަތަށް 1.7 ބިލިއަން ރުފިޔާ ނުދައްކާ އޮތެވެ. ގަވާއިދުން ފީ ދައްކަމުން ދިޔައީ އެންމެ 22.7 ޕަސެންޓް މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފީ ނުދައްކާ ފަރާތްތަކާ މެދު މިދިޔަ އަހަރުގެ އޮކްޓޫބަރުގެ މަހުން ފެށިގެން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.

މަޖީދު ވިދާޅުވީ ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ހުރި ފަރާތްތަކަށް އެއް އަހަރުގެ މުއްދަތެއް މިދިޔަ އޮކްޓޫބަރުގައި ދިނީ ފައިސާ ދެއްކޭނެ ޕްލޭންތަކަކާ އެކު ކަމަށެވެ. ކޮންމެ މަހެއްގައި ވަކި ވަރެއް ދައްކައިގެން އެ ފައިސާ ހަލާސްކުރެވޭނެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސާފައިވާއިރު އޭގެ ސަބަބުން ފީ ދައްކާ މީހުން އިތުރު ކަމަށް ވިދާޅުވި އެވެ.

"ފާއިތުވި އަހަަރުތަކާ ކޮމްޕެއާ ކުރާއިރު މިއަދާ ހަމައަށް 55 ޕަސެންޓް މީހުން ފީ ދައްކާ،" އޭނާ ވިދާޅުވި އެވެ.

ފައިސާ ހޯދަން ކުރި މަސައްކަތުން މިހާތަނަށް 1.6 ބިލިއަން ރުފިޔާ ދައްކާފައިވާއިރު އަދިވެސް 900 މިލިނެއްހާ ރުފިޔާ ނުލިބި އޮބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފައިސާ ދައްކަން މިނިސްޓްރީން ދީފައިވާ މުއްދަތު މިއަހަރުގެ އޮކްޓޫބަރަށް ހަމަވާނެ އެވެ. އެ މުއްދަތުގައި ފީތައް ނުދައްކައިފި ނަމަ، އެ މީހުންގެ އެކްސްޕެޓް ޕޯޓަލްގެ އެކައުންޓު ސަސްޕެންޑްވާނެ ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ.

"ފާއިތުވި އެއް އަހަރުގެ ތެރޭގައި ގިނަ ފިޔަވަޅުތަކެއް އެޅި. ދައުލަތަށް ދައްކަންޖެހޭ ފައިސާ އެ ހިދުމަތް ހޯދާ ފަރާތްތަކުގެ ސާވިސް ސަސްޕެންޑްކުރުން ފަދަ ފިޔަވަޅުތައް އެޅިން،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ތިން އަހަރުގެ ތެރޭގައި ރެގިއުލޭޓް ކުރުމަށް ނިންމައިފަ އެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 38،000 މީހުން ގާނޫނުގެ ތެރެއަށް ފައްތާފައިވާއިރު އަދިވެސް ގިނަ އަދަދެއްގެ ބަޔަކު ގަވާއިދާ ހިލާފަށް އުޅެމުންދާ ކަމަށް މާޖިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕޯޓަލުން ދައްކާ ގޮތުގައި ވަޒީފާ ދޭ ފަރާތްތަކަށް ފިލައިގެން އުޅޭ މީހުންގެ އަދަދު 11،000 މީހުން އެބަ ތިބި ކަމަށެވެ. އެކަމަކު ކުރިއަށް އޮތް އަހަރުގެ ތެރޭގައި ވެސް އެ މީހުން ގަވާއިދަށް ފެއްތުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ގިނަ ބަޔަކު ޑީޕޯޓުކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ މީހުންނަށް ވެސް ގަވާއިދަށް އުޅުމަށް ފުރުސަތު ދޭން ބޭނުންވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.