Roadha Mihaaru
ބިދޭސީންނަށް މުސާރަ ނުދޭނަމަ ބައި ލައްކައިން ޖޫރިމަނާ

ބިދޭސީންނަށް މުސާރަ ނުދޭ ނަމަ ބައި ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން ގާނޫނަށް އިސްލާހެއް

24 ޖުލައި 2024

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދު އިހުމާލުވާ ނަމަ 50،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު ކަމާ ބެހޭ ފަރާތްތަކަށް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދު އިހުމާލުވާ ނަމަ 50،000 ރުފިޔާ އިން ޖޫރިމަނާ ކުރުމުގެ ބާރު ކަމާ ބެހޭ ފަރާތްތަކަށް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބިދޭސީއަކު ރާއްޖެ ގެނައުމަށް ފަހު، ވަޒީފާ ދޭ ފަރާތުން އިހުމާލު ވެއްޖެ ނަމަ ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަން ޖެހޭނެ އެވެ.

އިހުމާލުވާ މީހުންގެ މައުލޫމާތު އާންމު ކުރުމާއި އެ މީހުން 50،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި ބިދޭސީން ގެނައުމުގެ ހިދުމަތްތައް އެ ފަރާތަކަށް ވަކި މުއްދަތަކަށް ދިނުން ހުއްޓާލެވޭނެ ކަމަށް އެ ބިލުގައި ވެ އެވެ.

ބިދޭސީންނާ މެދު ވެވޭ އިހުމާލެއްގެ ގޮތުގައި ބަލާ ކަންކަމުގެ ތެރޭގައި ހަތަރު ކަމެއް އެ ބިލުގައި ހިމަނާފައި ވެ އެވެ. އެއީ؛

1. މުސާރަ ނުދިނުން.

2. ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ކަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކުރުން.

3. ބިދޭސީން ރާއްޖެ ގެނައުމުގައި އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުން.

4. ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުން.

ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ގަވައިދާ ހިލާފަށް ހިންގާ ތަންތަން ކުރިން އެންގުމަކާ ނުލައި ބަލައި ފާސްކުރުމާއި ބިދޭސީން ކައިރިން މައުލޫމާތު ހޯދުން ފަދަ ބާރުތައް ކަމާ ބެހޭ މުއައްސަސާ އަށް ދިނުން ވަނީ ހިމަނައިފަ އެވެ. އަދި ވޯކްޕާމިޓް ހޯދުމާއި ކޯޓާ ދޫކުރުމުގެ އުސޫލުތައް ވެސް އެ ބިލުގައި ވަނީ ބަޔާން ކޮށްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ އަދި ގަވާއިދާ ހިލާފުވާ ބިދޭސީން ހޯދުމުގެ ރެއިޑް އޮޕަރޭޝަންތަކެއް އިމިގްރޭޝަނުން ކުރިއަށް ގެންދާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިދިޔަ މުއްދަތުގައި 200 އާ ގާތްކުރާ އަދަދަކަށް ބިދޭސީން އަތުލައިގަނެ ވަނީ ޑީޕޯޓް ކުރާ މީހުންގެ ލިސްޓަށް ލައިފަ އެވެ. އަދި މިދިޔަ 8 މަސް ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލައިފަ އެވެ.