Roadha Mihaaru

ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ރެހެންދި ސްކޫލް ހޯލުގައި މިރޭ ފަށަނީ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން މިރެއިން ފެށިގެން ރެެހެންދި ސްކޫލު ހޯލުގައި ވެސް އެ މަސައްކަތް ފަށާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

06 މާޗް 2025

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން މިރެއިން ފެށިގެން ރެެހެންދި ސްކޫލު ހޯލުގައި ވެސް އެ މަސައްކަތް ފަށާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރެހެންދި ސްކޫލުގައި މިރެއިން ފެށިގެން ހަ ރޯދަ ނިމެންދެން ބިދޭސީންގެ މައުލޫމާތު އެއްކުރާނެ ކަމަށެެވެ.

އެ މީހުންގެ ފިންގަޕްރިންޓާއި ފޮޓޯ އަޕްޑޭޓްކުރަން ކުރަމުންދާ އެ މަސައްކަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9:30 އިން 12:30 އަށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެ އޮޕަރޭޝަން ރެހެންދި ސްކޫލުގެ ހޯލުގައި ފަށާފައި މިވަނީ ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް އޮޕަރޭޝަން ކުރިއަށް ގެންދަން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް އެންސީއައިޓީގައި ގާއިމްކޮށްްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ޑެސްކްގެ އިތުރުން ކަލާފާނު ސްކޫލު ހޯލުގައި ބިދޭސީންގެ މައުލޫމާތު އެއްކުރަން މިމަހުގެ 9 ގައި އަނެއްކާވެސް ފަށާނެ އެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް އެ ތަންތަނުން މައުލޫމާތު ނެގުމުގެ މަސައްކަތް ކުރާނީ ހެނދުނު 9:30 އިން ހަވީރު 4:00 އާ ހަމައަށެވެ. އަދި ރޭގަނޑު 9:30 އިން 11:30 އާ ހަމައަށް މައުލޫމާތު ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އަންނަ އޭޕްރީލް މަހުގެ 20 ގެ ކުރިން މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓުކުރާނެ އެވެ.

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ. އެ އޮޕަރޭޝަންގެ ދަށުން 59 ރަށެއްގައި މިހާރު ވަނީ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ނިންމައިފަ އެވެ. އަދި ބައެެއް ރިސޯޓުތަކުގައި އުޅޭ ބިދޭސީންގެ މައުލޫމާތު ވެސް ވަނީ މިހާރު ނަގައިފަ އެވެ.

އޭގެ ތެރެއިން 24،540 ބިދޭސީން ރެގިއުލޭޓް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.