Roadha Mihaaru
"ފުރިހަމަ ހައްލު އަންނަންދެން މަސައްކަތް ކުރާނަން"

ގަވާއިދާ ހިލާފު ބިދޭސީން ހޯދުން: އިހުސާން ވިދާޅުވީ، ފުރިހަމަ ހައްލެއް ލިބެންދެން ހުއްޓާ ނުލާނެ ކަމަށް!

07 ޖުލައި 2024

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ އަށް ފުރިހަމަ ހައްލެއް ލިބެންދެން ސަރުކާރު އެ މަސައްކަތްތަކުގައި ދެމިއޮންނާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، މާލޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިހާރު ފަށާފައިވާ އޮޕަރޭޝަނާ އެކު، ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި މިއަދު މުޅިން ކަހަލަ ދިވެހިން ތިބި މަންޒަރު ބަޔާންކޮށް އާންމު މީހަކު ސޯޝަލް މީޑިއާ އަށް ދޫކޮށްލި ތައުރީފުގެ ޕޯސްޓަކަށް ދެއްވި ޖަވާބުގަ އެވެ.

ކުރީގެ ނޫސްވެރިޔާ ހޯރަފުށި މުހައްމަދު ސަލީމްގެ ޕޯސްޓުގައި ބުނީ، ދުވަސްކޮޅަކަށް ފަހު މިއަދު ލޯކަލް މާރުކޭޓަށް ދިޔައިރު ފެނުނީ ހައިރާންވާ ފަދަ މަންޒަރެއް ކަމަށެވެ. ގޮޅިތަކުގައި އެހެން ދުވަސްތަކުގައި ތިބޭ ބިދޭސީންގެ ބަދަލުގައި ތިބީ ދިވެހިން ކަން ފާހަގަކޮށް ސަލީމް ބުނީ، ގޮޅިތައް ހިންގާ ދިވެހިން އިހުސާނަށް ތައުރީފުކުރި ކަމަށެވެ.

އޭގެ ޖަވާބުގައި އިހުސާން ވިދާޅުވީ، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދަން ފެށި އޮޕަރޭޝަނާ އެކު، ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމަކީ ޗޮައިސްއެއް ގޮތަށް އޮތް އޮތުން ނިމުމަކަށް އައީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ވިޔަފާރި ހިންގުން ނިމުމަކަށް ގެނައުމުގެ މަސައްކަތުގެ ތައުރީފު ހައްގު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށެވެ.

"އަޅުގަނޑާ ޒިންމާ ހަވާލު ކުރެއްވި ދުވަހު ވިދާޅުވި ހޯމްލޭންޑް ސެކިއުރިޓީގެ އެންމެ އިސް އިސް އެއް ޒިންމާއަކަށް ވާނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުން ކަމަށް،" ރައީސް މުއިއްޒު ހަވާލުކުރެއްވި ޒިންމާއާ ގުޅޭ ގޮތުން މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ފެންނަނީ އެ ދުވަހުން ފެށިގެން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން އާއި ޕޮލިސް ކޮމިޝަަނަރު އަލީ ޝުޖާއު އާއި އެ ދެ އިދާރާގެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އަމީނީ މަގުގައި ހިންގާ މާރުކޭޓަށް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ވަދެ މިރޭ ހިންގި ރެއިޑް އޮޕަރެޝަންގައި ފުލުހަކު އެ މާރުކޭޓު ތެރޭގައި މަޑުކޮށްލައިގެން.---ފޮޓޯ: މިހާރު

އަމީނީ މަގުގައި ހިންގާ މާރުކޭޓަށް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ވަދެ މިރޭ ހިންގި ރެއިޑް އޮޕަރެޝަންގައި ފުލުހަކު އެ މާރުކޭޓު ތެރޭގައި މަޑުކޮށްލައިގެން.---ފޮޓޯ: މިހާރު

ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މިދިޔަ މަހުގެ 29 ގައި މާލޭގެ ލޯކަލް މާރުކޭޓާއި މާލެތެރޭގައި އަމިއްލަ ފަރާތްތަކުން ހިންގާ މާރުކޭޓުތައް ރެއިޑްކޮށް 50 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެ މީހުން ޑީޕޯޓް ކޮށްލުމަށްޓަކައި ކަރުދާހުގެ ކަންކަން ނިމެންދެން އަދިވެސް ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް އެ އިދާރާ އިން މިއަދު ބުންޏެވެ.

މިދިޔަ މަހުގެ 29 ގައި އިމިގްރޭޝަނުން ހިންގި އެ ރެއިޑް އޮޕަރޭޝަންގައި، މަޖީދީ މަގުން ވިލާ މާޓް ކައިރީގައި ހިންގާ މާރުކޭޓާއި އަމީނީ މަގުން ޕީއެސްއެމް ކައިރީގައި ހުންނަ މާރުކޭޓުގައި ތިބި ހުރިހާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެ ދެ ތަން ވެސް އެ ރެއިން އެ ރެއަށް ބަންދުކުރަން ޖެހުނެވެ. އެއީ ގޮޅިތައް ހިންގާނެ ދިވެއްސަކު ނެތުމުންނެވެ.

އެކަމަކު، އެހެން ބިދޭސީންތަކެއް ނެރެގެން އެ ދެ މާރުކޭޓުގެ ގޮޅިތައް ހިންގަން އަލުން ފެށި ވާހަކަ "މިހާރު" ގައި މިއަދު ރިޕޯޓް ކުރުމާ އެކު، އިމިގްރޭޝަނުން އިސްވެ ފުލުހުންނާ ގުޅިގެން މިރޭ ރެއިޑް އޮޕަރޭޝަނެއް ހިންގައި އެ ގޮޅިތައް ހިންގަން ތިބި ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ދެ މާރުކޭޓުން މިރޭ ރެޑްހޭންޑުކޮށް ފެނުނީ ހަތަރު ވަރަކަށް ބިދޭސީންނެވެ.

އަމީނީ މަގުގައި ހިންގާ މާރުކޭޓުގައި މިއަދު ހެނދުނު ބިދޭސީން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަމީނީ މަގުގައި ހިންގާ މާރުކޭޓުގައި މިއަދު ހެނދުނު ބިދޭސީން ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ނަމަވެސް މިއަދު ހެނދުނު "މިހާރު" އިން ގޮސް ބެލިއިރު އެ ދެ މާރުކޭޓުގެ ގޮޅިތައް ހިންގުމުގައި ހަތަރު ވަރަކަށް ބިދޭސީންނަށް ވުރެ މާ ގިނަ މީހުން ތިއްބެވެ. އެކަމަކު، މަންޒަރު ދުށް މީހަކު ބުނީ، މިރޭގެ ރެއިޑް އޮޕަރޭޝަންގައި އިމިގްރޭޝަނާއި ފުލުހުން ދާ ކަން ކުރިން އެނގިގެން ނުވަތަ ފެނިގެން ގޮޅިތައް ދޫކޮށް ގިނަ މީހުން ދުރަށް ދިޔައީ ކަމަށެވެ. އެހެންވެ، އިމިގްރޭޝަނާއި ފުލުހުންގެ ރާޑަރަށް ގިނަ ބިދޭސީން ނޭރީ ކަމަށް އޭނާ ބުންޏެވެ.

މިރޭގެ ރެއިޑާ އެކު، މަޖީދީ މަގު މާރުކޭޓު މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަމީނީ މަގުގެ މާރުކޭޓަށް ރެއިޑް އޮޕަރޭޝަންގެ އޮފިސަރުން ވަނުމާ އެކު، ދިވެހިން ވަނީ ގޮސް ގޮޅިއާ ހަވާލުވެފަ އެވެ. އަދި އެ މާރުކޭޓުގައި ތިބި ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެވެ.

އަމީނީ މަގުގައި ހިންގާ މާރުކޭޓަށް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ވަދެ މިރޭ ހިންގި ރެއިޑް އޮޕަރެޝަންގައި ފުލުހަކު އެ މާރުކޭޓު ތެރޭގައި މަޑުކޮށްލައިގެން.---ފޮޓޯ: މިހާރު

އަމީނީ މަގުގައި ހިންގާ މާރުކޭޓަށް އިމިގްރޭޝަންގެ އޮފިސަރުންނާއި ފުލުހުން ވަދެ މިރޭ ހިންގި ރެއިޑް އޮޕަރެޝަންގައި ފުލުހަކު އެ މާރުކޭޓު ތެރޭގައި މަޑުކޮށްލައިގެން.---ފޮޓޯ: މިހާރު

އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވިދާޅުވެފައި ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށެވެ.

މިހާރު ފަށާފައިވާ ރެއިޑް އޮޕަރޭޝަންގައި އިއްޔެ ރޭ ވަނީ ހުޅުމާލެ 1 ގައި ޓޭކްއަވޭ ކޮފީ ވިއްކާ 8 ބިދޭސީއަކު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި ބްލެކްމާކެޓުގައި ޑޮލަރު ވިއްކާ ދެ ބިދޭސީއަކު މިދިޔަ ހަފުތާގައި ހައްޔަރުކުރި އެވެ.

މާރުކޭޓުތައް ހިންގުމާއި ސޭޓުންގެ ގޮތުގައި ބިދޭސީން ތިބުމަކީ ރާއްޖޭގައި މަނާކަމެކެވެ. އެކަމަކު، އެއީ މުޅި ރާއްޖޭގައި މިހާރު ވެސް އެންމެ އާންމު އެއް ކަންތަކެވެ.