Roadha Mihaaru
ޑްރަގާ ގުޅުން ހުރި ގިނަ އަދަދެއްގެ ބިދޭސީން!

ޑްރަގާ ގުޅުން ހުރި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ފޮނުވާލަނީ

28 ޑިސެމްބަރ 2023

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކާ އެކި ގޮތްގޮތުން ގުޅުން ހުރި 30 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް އިމިގްރޭޝަނާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކާ އެކި ގޮތްގޮތުން ގުޅުން ހުރި 30 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް އިމިގްރޭޝަނާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ފަށައިފި އެވެ.

"މަސްތުވާތަކެއްޗާ ގުޅުން ހުރި 30 އަށް ވުރެ ގިނަ ބިދޭސީން ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން "މިހާރު" އަށް އެނގިފައިވީ ނަމަވެސް އެ މީހުންގެ އަދަދާއި ތަފުސީލުތައް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.

އިމިގްރޭޝަންގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، ޖޮއިންޓް ޓާސްކް ފޯސް އިން ހިންގާ ހާއްސަ އޮޕަރޭޝަންގައި ޑްރަގާ ގުޅުން ހުރި ބިދޭސީންތަކެއް އަތުލައިގެންފައިވާ ކަމަށެވެ. އެ ކަމަކު، އެ މީހުންގެ މައުލޫމާތާއި ތަފުސީލު ހާމަކުރައްވާނީ އެ ޓާސްކް ފޯހުގެ ހުރިހާ އިދާރާތައް ގުޅިގެން ބާއްވާ މީޑިއާ ބްރީފިންއެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހާއްސަ އޮޕަރޭޝަން އަދި ނުނިމޭކަން ވެސް އޮފިޝަލް ފާހަގަކުރެއްވި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެކިއެކި އެހެނިހެން ކުށްތަކުގައި ހިމެނޭ ބިދޭސީން އަތުލައިގަންނަ އޮޕަރޭޝަންގައި ބައިވެރިވަނީ އިމިގްރޭޝަނާއި ފުލުހުންނާއި ކަރެކްޝަނަލްސް ސާވިސް އަދި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީ އެވެ.

އިމިގްރޭޝަންގެ އޮފިޝަލް ވިދާޅުވީި ގޮތުގައި، ހާއްސަ އޮޕަރޭޝަންގައި އަތުލައިގެންފައިވާ ބިދޭސީންތަކެއް މިހާރު ވެސް ވަނީ އެ މީހުންގެ ގައުމަށް ފޮނުވާލައިފަ އެވެ. ޑިޕޮސިޓް ފައިސާ ދައްކާފައިވާ ބިދޭސީން ފޮނުވާލަނީ އެ ފައިސާ ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑިޕޮސިޓް ފައިސާގެ މައްސަލަ ޖެހިފައިވާ ބައެއް ނަމަ ފޮނުވާލަނީ ސަރުކާރުގެ ތެރެއިން އިންތިޒާމުތަކެއް ހަމަޖައްސައިގެން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން މިދިޔަ ހަފުތާގައި ބުނެފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރަން މި ސަރުކާރުން އެކުލަވާލި ހާއްސަ ޓާސްކްފޯހުގެ މަސައްކަތުން މިހާތަނަށް 13 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެ 34 ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ މިހާތަނަށް ހިންގި އޮޕަރޭޝަންތަކުގައި 39 ސަފާރީއެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެއީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި ހުންނަ ސަފާރީތަކާއި ކ. މާފުށީ ކައިރީގައި އަޅާފައި ހުންނަ ސަފާރީތައް ކަމަށެވެ.

ގަވައިދާ ހިލާފަށް އޮޕަރޭޓްކުރާ ކަމަށް ފާހަގަކުރެވުނު ސަފާރީތަކުގައި ހުރި ރަލާއި މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.