Roadha Mihaaru

ޝަމްއާން އިސްވެ އިމިގްރޭޝަނުން ހިންގި ރެއިޑުގައި ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ބިދޭސިން ވެސް ހައްޔަރުކުރި: ޕޮލިސް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު އިސްވެ ހުރެ، ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ބިދޭސިން ވެސް ހައްޔަރުކުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ރެއިޑުގައި ލިޔެކިޔުން ހުރި ބިދޭސިންވެސް ހައްޔަރުކުރި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 މެއި 2025

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު އިސްވެ ހުރެ، ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ބިދޭސިން ވެސް ހައްޔަރުކުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު އަޒްމަތު އަބްދުﷲ ވިދާޅުވީ އެ މައްސަލައިގެ މައުލޫމާތު ލިބިފައި ވަނީ މާޗް 20 ވަނަ ދުވަހު ކަމަށާއި ހަމަ އެ ދުވަހު މައްސަލަ ބަލަން ފެށި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ރެއިޑް އޮޕަރޭޝަން ހިންގީ މާޗް 12 ވަނަ ދުވަހު ކަމަށެވެ.

މާފަންނުގައި ހުރި ގެއެއްގައި ދިރިއުޅޭ ބިދޭސީންތަކަކަށް އަމާޒުކޮށް އިމިގްރޭޝަނުގައި މަސައްކަތް ކުރާ މުވައްޒަފުން ހިންގި އެ ރެއިޑް އޮޕަރޭޝަނުގައި އިމިގްރޭޝަނުން ހައްޔަރު ކުރި ބިދޭސީންތަކަކީ ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ހުރި ބިދޭސިން ކަމަށް އަޒްމަތު ވިދާޅުވި އެވެ.

ހައްޔަރުކުރި ބިދޭސީންގެ ތެރެއިން، އެކަކު އަތުން ފެނުނު ފައިސާ އޭގެ އަނެއް ދުވަހުގެ ރޭ ދަންވަރު މ. ސްޓާ ކްލައުޑްގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް އޭނާ ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެއަށްފަހު ސައްހަ ނޫން ސިޓީއެއް ހަދައި އެ ސިޓީއާ ގުޅިގެން ޝަމްއާންގެ އިރުޝާދުގެ ދަށުން އެކަން "އާޖެންޓް" ކަމެއްގެ ގޮތުގައި އަމަލުކުރުމަށް އަންގައިގެން ބިދޭސީ މީހާ ދޫކޮށްލި ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މި ސިޓީ އިމިގްރޭޝަނަށް ލިބުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސިޓީއާ ހަވާލާދީ ބިދޭސީ ފަރާތް ދޫކޮށްލުމުގެ މަސައްކަތް އާޖެންޓް ކަމެއްގެ ގޮތުގައި ދެކިގެން ކުރިއަށް ގެންދިޔުމަށް އޭރުގެ ކޮންޓްރޯލާ ޖެނެރަޕް ޝަމްއާން އެންޑޯޒްކޮށް، ކަމާ ގުޅުންހުރި އިދާރާތަކަށް އަންގާފައިވޭ،" އަޒްމަތު ވިދާޅުވި އެވެ.

"އަދި ސްޕޮންސަރުގެ ނަމުގައި ހުށަހަޅާފައިވާ ސިޓީގައި ބިދޭސީ މީހާއާ ހަވާލުވުމަށް ދާނެކަމަށް ބަޔާންކޮށްފައިވާ ފޯނު ނަމްބަރަށް ގުޅުމުން އޭނާއާ ހަވާލުވުމަށް ބިދޭސީ މީހާއާ ހަވާލުވީ ސަހެޝަން [ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔަ އިމިގްރޭޝަން ތިން މުވައްޒަފުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އަހްމަދަށް ބޮޑު ބޭބެ ކިޔާ މީހެއް]."

އެ ބިދޭސީ މީހާ ދޫކޮށްލުމަށް ހުށަހެޅި ސިޓިއަކީ އެ ބިދޭސީ މީހާ ގެނައި ސްޕޮންސަރު މީހާގެ ފަރާތުން ހުށަހެޅި ސިޓީއެއް ނޫންކަމަށާއި ސްޕޮންސަރަކަށް ނޭނގި އުފައްދާފައިވާ ސައްހަ ނޫން ލިޔުމެއްކަން ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ރެއިޑް އޮޕަރޭޝަނަކީ އިމިގްރޭޝަނުން އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް، ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ހިންގާފައިވާ ރެއިޑެއް ކަމަށް ވެސް އަޒްމަތް ވިދާޅުވި އެވެ.

"އެ ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އެފަދަ އޮޕަރޭޝަން ހިންގުމުގެ ހުއްދަ އޮންނަ ރިސްކް މެނޭޖްމެންޓް ސިސްޓަމް އަދި އެންފޯސްމެންޓް އެންޑް ކޮމްޕްލެއިންސްއިން އުފައްދާ ޓާސްކް ފޯސްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ނޫން. މިފަދަ އޮޕަރޭޝަނެއް ހިންގުމުގެ މަސްއޫލިއްޔަތު ލިބިފައިވާ މުވައްޒަފުންތަކެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.

އެ ރެއިޑު ކުރިއަށް ގެންދިޔައީ ޝަމްއާނާއެކު ހައްޔަރުކުރި އިބްރާހިމް އަހްމަދާއި އަހްމަދު ލައްސާނުގެ އިތުރުން މުހައްމަދު އަލްސަން އިސްމާއީލް ކަމަށް ފުލުހުން ބުންޏެވެ. އެއީ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯ އަދި ބިއުރޯގެ ދަށުން ހިންގާ ޕްލޭނިން އަދި މީޑިއާގައި މަސައްކަތް ކުރާ ތިން މުވައްޒަފުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި މިހާތަނަށް ހަ މީހުން ހައްުޔަރު ކޮށްފައިވެ އެވެ. އެއީ އިމިގްރޭޝަންގެ ފަސް މުވައްޒަފުންނާއި ބިދޭސީއެކެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް މައްސަލަ މިހާރު ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ.