Roadha Mihaaru

ޔުމްނު ވެއްޓުމާ ގުޅޭ ހާދިސާގެ މައުލޫމާތު ހިއްސާކުރަން ކޮމިޝަންގެ ހާއްސަ ޕޯޓަލްއެއް

މާލޭގައި އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ލިބިފައިވާ ނަމަ އެ ކޮމިޝަނާ ހިއްސާ ކުރަން މިއަދު ހުޅުވާލައިފި އެވެ.

ރިޔާސީ ކޮމިޝަނާ މައުލޫމާތު ހިއްސާކުރަން ޕޯޓަލްއެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

08 މެއި 2025

މާލޭގައި އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް ލިބިފައިވާ ނަމަ އެ ކޮމިޝަނާ ހިއްސާ ކުރަން މިއަދު ހުޅުވާލައިފި އެވެ.

ރިޔާސީ ކޮމިޝަނުން މިއަދު ވަނީ "އެކްސް" ގައި އެކައުންޓެއް ހުޅުވައި ޔުމްނު ވެއްޓުނު ހާދިސާއާ ގުޅެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާ ކުރަން ހާއްސަ ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ.

އެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މިދިޔަ މަހުގެ 18 ގައި ހިނގި ހާދިސާއާ ގުޅޭ މައުލޫމާތު، ފޮޓޯ/ވީޑިއޯ ނުވަތަ އެ ނޫން ވެސް ލިޔުމެއް އޮތް ނަމަ ޕޯޓަލްއިން ހުށަހެޅޭނެ ކަމަށެވެ.

އޭގެ އިތުރުން ކޮމިޝަންގެ މަސައްކަތާ ގުޅޭ އެއްވެސް ސުވާލެއް އޮތް ނަމަ ވެސް، އީ-ފާސްގެ ލޮގިންއާ އެކު ވަދެވޭ އެ ޕޯޓަލް އިން ކުރެވޭނެ ކަމަށް ބުންޏެވެ.

ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ތިން މެމްބަރުންގެ ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ.

ނަމަވެސް، އެ ކޮމިޝަންގެ މެމްބަރުކަމުން ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބު އިސްތިއުފާ ދެއްވުމުން، އަލުން އެ ކޮމިޝަން އެކުލަވާލީ އިތުރު ދެ މެމްބަރުންނާއެކުގަ އެވެ.

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަންގައި މިހާރު ތިއްބެވީ؛

- ކުރީގެ ބަންޑާރަ ނައިބު، ގ. ހަސަންކާރި ޑރ. މުހައްމަދު މުނައްވަރު (ކޮމިޝަންގެ ރައީސް)

- ވ. އަލްމާން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު

- ދަފުތަރު ނަންބަރު ރސ 641، ޑރ. މޫސާ މުރާދު

- ތ. ވޭމަންޑޫ، މޫނިމާގެ، ޖަބީން މުހައްމަދު

- ހ. ރަބަރުގެ، އާމިނަތު އީނާސް

އެ ކޮމިޝަނުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ ޗެއާ މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަގްސަދު ސާފު ނުވިޔަސް އަމާޒަކީ އިންސާފަށް ވާސިލްވުން ކަމަށެވެ.

ޔުމްނުގެ މައްސަލައިގެ ތަހުގީގު ފުލުހުން ވެސް ކުރަމުންދާ ކަމަށާއި އެހެންކަމުން ދައުލަތުގެ ދެ މުއައްސަސާއަކުން "ޑުބްލިކޭޓް"ކޮށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން އެންމެ ފުރަތަމަ ކުރާނެ ކަމަކީ ފުލުހުން ކޮށްފައިވާ ތަހުގީގު ބެލުމެވެ. ފުލުހުންގެ ތަހުގީގާ މެދު ދެން ވާނެ ގޮތާ މެދު ވެސް ސުވާލު އޮތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މުނައްވަރު އޭރު ވިދާޅުވީ ރައީސްގެ ގަރާރުގައި އޮތީ ހާދިސާ ތަހުގީގު ކުރަން ކަމަށާއި އެހެން ބަޔަކު އެ ތަހުގީގު ކުރިއަށް ގެންދާ ކަމެއް ވެސް އަދި އެ ތަހުގީގަށް ވާނެ ގޮތެއް ވެސް ގަރާރުގައި ނެތް ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ ރައީސް އަދި ކަމާބެހޭ މިނިސްޓަރު ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ޔުމްނު ވެއްޓުމުން ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ ތަނުގައި ފަރުވާ ދިނުމަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންގޮސްފަ އެވެ. އެކަމަށް، އެންސްޕާއިން 25،000 ޑޮލަރު (385،500ރ.) ހަމަޖައްސައިދީފައިވެ އެވެ. އަދި ޓިކްޓޮކް ލައިވެއްގައި ވެސް އާއްމުން ވަނީ ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ޔުމްނުގެ ފަރުވާއަށް ހަދިޔާކޮށްފަ އެވެ.