Roadha Mihaaru

އިޒްރޭލު އެއާޕޯޓަށް ދިން ހަމަލާއަށް ފަހު ޔަމަނަށް ބޮން އަޅައިފި

ޔަމަންގެ ހޫތީން އިޒްރޭލުގެ ބައިނަލްއަގުވާމީ މައި އެއާޕޯޓް ސަރަހައްދަށް އިއްޔެ ދިން މިސައިލް ހަމަލާއަށް ފަހު ޔަމަނަށް ބޮމުގެ ހަމަލާތަކެއް ދީފި އެވެ.

އިޒްރޭލު އެއާޕޯޓު ހަމަލާއަށްފަހު ޔަމަނަށް ބޮން އަޅައިފި

ޔަމަންގެ ހޫތީން އިޒްރޭލުގެ ބައިނަލްއަގުވާމީ މައި އެއާޕޯޓް ސަރަހައްދަށް އިއްޔެ ދިން މިސައިލް ހަމަލާއަށް ފަހު ޔަމަނަށް ބޮމުގެ ހަމަލާތަކެއް ދީފި އެވެ.

ހޫތީންގެ ސަބާ ނިއުސް އެޖެންސީން ބުނީ ވެރިރަށް ސަންއާގެ އަރްބައީން މަގަށާއި އެއާޕޯޓަށް ދާން އޮންނަ މަގެއް ވެސް ހިމެނޭ ގޮތަށް ދިހަ ވަރަކަށް ހަމަލާ ދީފައިވާ ކަމަށެވެ.

އެމެރިކާއިން ޔަމަނަށް ތަކުރާރުކޮށް ހަމަލާ ދެމުން ދާއިރު ހޫތީން ބުނީ މިއީ ވެސް އެމެރިކާގެ ހަމަލާތަކެއް ކަމަށެވެ. އެކަމަކު އެމެރިކާއިން ހަމަލާ ދިން ކަމަކަށް އަދި ނުބުނެ އެވެ.

ސަބާ ނިއުސް އެޖެންސީން ބުނީ ހަމަލާތަކުގައި 14 މީހަކު ޒަހަމްވި ކަމަށެވެ.

ޔަމަނުގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލް ކުރާ ހޫތީން އިޒްރޭލުގެ ބެން ގުރިއޮން އެއާޕޯޓަށް އިއްޔެ ހަމަލާ ދިނީ އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކާ ގުޅިގެން ރަތް ކަނޑުގައި އިޒްރޭލާ ގުޅުން ހުރި އުޅަނދުތަކަށް ވެސް ހަމަލާ ދެމުން ދިއުމަށް ފަހު އެވެ. އަދި އޭގެ ކުރިން ވެސް ވަނީ މިސައިލާއި ޑްރޯން އިން އިޒްރޭލަށް ހަމަލާތައް އަމާޒުކޮށްފަ އެވެ.

ހޫތީން އިއްޔެ ހަމަލާ ދިންކަން ކަށަވަރުކޮށްދެމުން އިޒްރޭލު އަސްކަރިއްޔާއިން ބުނީ އެ މިސައިލް އިންޓަސެޕްޓްކުރުމަށް ވަރަށް ގިނަ މަސައްކަތްކުރި ކަމަށާއި އެކަމަކު އެއާޕޯޓާ ކައިރި ހިސާބަކަށް ހަމަލާ އަމާޒުވެ ބޮޑު ވަޅުގަނޑެއް ހެދިފައިވާ ކަމަށެވެ. އެ ހަމަލާއަށް ފަހު އެއާޕޯޓްގެ ދަތުރުތައް ވެސް އިރުކޮޅަކަށް މެދުކަނޑާލަން ޖެހުނެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ހަމަލާގެ ބަދަލު ހޫތީންގެ ކިބައިން ހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެ ރައްދު ދޭނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް ވެސް ބުންޏެވެ.