Roadha Mihaaru

އިޒްރޭލުން ޔަމަންގެ އިންޓަނޭޝަނަލް އެއާޕޯޓް ހަލާކުކޮށްލައިފި

އިޒްރޭލުން މިއަދު ޔަމަންގެ ވެރިރަށް ސަންއާގެ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދީ އެތަން އެއްކޮށް ހަލާކުކޮށްލައިފި އެވެ.

އިޒްރޭލުން ޔަމަންގެ އެއާޕޯޓް ހަލާކުކޮށްލައިފި

އިޒްރޭލުން މިއަދު ޔަމަންގެ ވެރިރަށް ސަންއާގެ އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާދީ އެތަން އެއްކޮށް ހަލާކުކޮށްލައިފި އެވެ.

"ޔަމަނިއާ އެއާލައިންސްގެ ހަތް މަތިންދާބޯޓުގެ ތެރެއިން ތިން ބޯޓު ވަނީ ހަލާކުވެފައި. އަދި ހަމަލާތަކުގައި މުޅި އެއާޕޯޓް ވަނީ އެއްކޮށް ހަލާކުވެފައި،" އެއާޕޯޓްގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.

މި ހަމަލާތައް ދީފައި މި ވަނީ އިޒްރޭލުގެ ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދަށް ހޫތީން މިސައިލް ހަމަލާއެއް ދިންތާ އެއް ދުވަސް ފަހުންނެވެ. އެ ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ޔަމަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ކުރިން ބުނި ގޮތުގައި އެއާޕޯޓުގެ އިތުރުން އިންޖީނުގެއަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ. އަދި މި ހަމަލާތަކުގައި އެއާޕޯޓު ބޭނުން ނުކުރެވޭ ވަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. ހަމަލާތަކަށް ފަހު އިޒްރޭލުން ބުނީ ހޫތީން އިޒްރޭލަށް ދޭ ކޮންމެ ހަމަލާއެއްގެ ފުރިހަމަ ޒިންމާ އީރާނުން އުފުލަން ޖެހޭނެ ކަމަށެވެ.

ހޫތީން ވަނީ އިޒްރޭލުގެ މި ހަމަލާތަކުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ. ހަމަލާތަކުގައި ތިން މީހަކު މަރުވި ކަމަށް ވެސް ހޫތީން ބުންޏެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ހޫތީން ވަނީ އެކި ފަހަރުމަތިން އިޒްރޭލަށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވައިފަ އެވެ. ބައެއް ހަމަލާތަކުގައި އިޒްރޭލަށް ގެއްލުންތައް ވެސް ވެފައިވެ އެވެ. މީގެ އިތުރުން ރަތް ކަނޑުގައި ގެންދަނީ އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ އުޅަނދުތަކަށް ވެސް ހޫތީން ހަމަލާ ދެމުންނެވެ. މި ހަމަލާތައް ހުއްޓާލަންދެން ކަމަށް ބުނެ އެމެރިކާއިން ވެސް ދަނީ ޔަމަނަށް ހަމަަލާތައް ދެމުންނެވެ.