Roadha Mihaaru

ހޫތީންގެ މިސައިލް ހަމަލާއެއް އިޒްރޭލުގެ މައި އެއާޕޯޓަށް

އިޒްރޭލުގެ ބައިނަލްއަގުވާމީ މައި އެއާޕޯޓް ކަމަށްވާ ބެން ގުރިއޮން އެއާޕޯޓަށް ޔަމަންގެ ހޫތީން މިސައިލް ހަމަލާއެއް ދީފި އެވެ.

ހޫތީންގެ މިސައިލް ހަމަލާއެއް އިޒްރޭލުގެ މައި އެއާޕޯޓަށް

އިޒްރޭލުގެ ބައިނަލްއަގުވާމީ މައި އެއާޕޯޓް ކަމަށްވާ ބެން ގުރިއޮން އެއާޕޯޓަށް ޔަމަންގެ ހޫތީން މިސައިލް ހަމަލާއެއް ދީފި އެވެ.

ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ބަދަލު ހިފުމަށާއި ޣައްޒާގެ ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކުރުމުގެ ގޮތުން ހޫތީން ދިން މި ހަމަލާއާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނީ މި ހަމަލާގައި ބޭނުންކުރީ ހައިޕަސޮނިކް ބެލިސްޓިކް މިސައިލެއް ކަމަށެވެ.

"މިސައިލް ވަނީ ކާމިޔާބުކަމާ އެކު އޭގެ އަމާޒަށް ވާސިލްވެފައި،" ހޫތީންގެ ބަޔާނުގައިވެ އެވެ.

ހޫތީންގެ މިސައިލް އިޒްރޭލުގެ މައި އެއާޕޯޓް ކައިރިއަށް ވެއްޓެނީ

ޔަމަންގެ ބޮޑު ސަރަހައްދެއް ކޮންޓްރޯލްކުރާ ހޫތީން ވަނީ އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން މިސައިލާއި ޑްރޯން ބޭނުންކޮށްގެން އިޒްރޭލަށް އެތައް ހަމަލާއެއް އަމާޒުކޮށްފަ އެވެ. އަދި ރަތް ކަނޑުގައި ދަތުރުކުރާ އިޒްރޭލާ ގުޅުން ހުރި ކަމަށް ބެލެވޭ އުޅަނދުތަކަށް ވެސް ގެންދަނީ ހަމަލާ ދެމުންނެވެ.

ހޫތީންގެ ގިނަ ހަމަލާތައް އިޒްރޭލުން އިންޓަސެޕްޓުކޮށް ނާކާމިޔާބުކޮށްލި ނަމަވެސް މިއަދު ފޮނުވާލި މިސައިލް އެއާޕޯޓް ސަރަހައްދަށް އަމާޒުވި ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. އެހެންވެ އެ ވަގުތު ވައިގެ ދަތުރުތައް ހުއްޓުމަކަށް ވެސް ގެންނަން ޖެހުނެވެ.

ހަމަލާ އަމާޒުވި ތަނުގައި ބޮޑު ވަޅުގަނޑެއް ހެދިފައި

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ މިސައިލް ހަމަލާއެއް އައި ކަމަށާއި އެ މިސައިލް ވައްޓާލަން ވަރަށް ގިނަ މަސައްކަތްކުރި ކަމަށް ވެސް ބުނެފަ އެވެ.

މި ހަމަލާއަށް ފަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެން ހޫތީންނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

"ކުރިން ވެސް ވާނީ އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައި. އަދި ކުރިއަށް އޮތް ތަނުގައި ވެސް އަޅާނަން. މިކަމުގެ ތަފްސީލަކަށް ނުދެވޭނެ ... މިއީ އެންމެ ގޮވުމަކުން ނިމޭނެ ކަމެއް ނޫން. އެތައް ގޮވުމެއް ހިމެނޭނެ،" ޓެލެގްރާމް ޗެނަލެއްގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި ނަތަންޔާހޫ ބުނެފައިވެ އެވެ.

ހޫތީން ވަނީ އިޒްރޭލުގެ ބެން ގުރިއޮން އެއާޕޯޓަށް ދަތުރުކުރާ އިންޓަނޭޝަނަލް އެއާލައިންތަކަށް އިންޒާރުދީ، މިހާރު އެއީ ދަތުރުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނެފަ އެވެ. -- އޭއެފްޕީ