Roadha Mihaaru

އެމެރިކާގެ އަގުބޮޑު ހަތް ޑްރޯން ޔަމަންގައި ވަނީ "ގެއްލިފައި"

މިދިޔަ މަހުގެ 15 އިން ފެށިގެން މިހާތަނަށް ޔަމަން ސަރަހައްދުގައި އެމެރިކާގެ މަލްޓި މިލިއަން ޑޮލަރުގެ ހަތް ޑްރޯން ގެއްލިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ އަގުބޮޑު 7 ޑްރޯން ޔަމަންގައި "ގެއްލިއްޖެ"

މިދިޔަ މަހުގެ 15 އިން ފެށިގެން މިހާތަނަށް ޔަމަން ސަރަހައްދުގައި އެމެރިކާގެ މަލްޓި މިލިއަން ޑޮލަރުގެ ހަތް ޑްރޯން ގެއްލިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން މިކަން ހާމަކޮށްފައި މި ވަނީ އެ ގައުމުގެ އެއާކްރާފްޓް ކެރިއަރަކުން، އެންމެ އަގު ބޮޑު އެއް ހަނގުރާމަމަތީ މަތިންދާބޯޓެއް ކަނޑަށް ވެއްޓި އެކަން ވެސް ހާމަވެފައި ވަނިކޮށެވެ.

"މާޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެމްކިއު-9 ގެ ހަތް [ޑްރޯން] ވެއްޓިފައިވޭ،" ޑްރޯންތައް ގެއްލުނީ ކޮން ސަބަބަކާ ހުރެ ކަމެއް ހާމަނުކޮށް އަދި ނަން ސިއްރުކޮށްދިނުމަށް ޝަރުތުކޮށް އޭއެފްޕީއަށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

މިއިން ކޮންމެ ޑްރޯނެއްގެ އަގު 30 މިލިއަން ޑޮލަރަށް އަރަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޔޫއެސްއެސް ހެރީ އެސް ޓްރޫމަން އެއާކްރާފްޓް ކެރިއަރުން އެފް/އޭ-18އީ ހަނގުރާމަމަތީ މަތިންދާބޯޓެއް ކަނޑަށް ވެއްޓުނުކަން ވެސް އިއުލާނުކޮށްފަ އެވެ. މިއީ 2021 ވަނަ އަހަރު އުފެއްދި، 67 މިލިއަން ޑޮލަރުގެ އަގު ހުރި މަތިންދާބޯޓެކެވެ. އެއާ އެކު، އެއާކްރާފްޓް ކެރިއަރުގައި މި ބޯޓު ޓޯކުރި ޓްރެކްޓަރު ވެސް ވަނީ ކަނޑަށް ވެއްޓިފަ އެވެ.

އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ހިނގީ ހޭންގަ ބޭގައި ޓޯކުރަމުން ދަނިކޮށް، ކްރޫންނަށް އޭގެ ކޮންޓްރޯލް ގެއްލިގެން ކަމަށެވެ.

މި ހާދިސާއަށް ފަހު ވެސް އެއާކްރާފްޓް ކެރިއަރު ދަނީ އާންމު ރޫޓިންގައި އޮޕަރޭޓްކުރަމުން ކަމަށާއި ހާދިސާގެ ތަހުގީގު ކުރިއަށްދާ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.

މި ހާދިސާތައް ރިޕޯޓްކޮށްފައި ވާއިރު އެމެރިކާއިން ޔަމަނަށް މިދިޔަ މަހުން ފެށިގެން ކޮންމެ ދުވަހަކުހެން ދަނީ ހަމަލާ ދެމުންނެވެ. ޔަމަންގެ ހޫތީން ރަތް ކަނޑުގައި އިޒްރޭލާއި އެމެރިކާއާ ގުޅުން ހުރި އުޅަނދުތަކަށް ދޭ ހަމަލާތައް ހުއްޓާލަންދެން ކުރިއަށް ގެންދާނެ ކަމަށް ބުނާ މި ހަމަލާތަކުގައި އެންމެ ފަހުން ބޮން އަޅާފައިވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ބަންދުކުރާ ތަނަކަށެވެ. އެ ހަމަލާގައި 68 މީހަކު މަރުވެފައިވާ ކަމަށް ހޫތީން ވަނީ ބުނެފަ އެވެ.