Roadha Mihaaru

އެމެރިކާއިން ޔަމަނަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށް

ޔަމަންގެ ހޫތީންނަށް އަމާޒުކޮށް އެމެރިކާއިން އިތުރު 17 ހަމަލާއެއް އެމެރިކާއިން ދީފައިވާ ކަމަށް ހޫތީން މިއަދު ބުނެފި އެވެ.

އެމެރިކާއިން ޔަމަނަށް ދޭ ހަމަލާތައް އަދިވެސް ކުރިއަށް

ޔަމަންގެ ހޫތީންނަށް އަމާޒުކޮށް އެމެރިކާއިން އިތުރު 17 ހަމަލާއެއް އެމެރިކާއިން ދީފައިވާ ކަމަށް ހޫތީން މިއަދު ބުނެފި އެވެ.

ހަނގުރާމަވެރިންގެ ވެބްސައިޓެއްގައި ބުނެފައިވަނީ އެމެރިކާގެ ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށާއި އާންމު ރައްޔިތުންގެ ގެދޮރާއި މުދަލަށް އެ ހަމަލާތަކުގެ ސަބަބުން ގެއްލުން ވެފައިވާ ކަމަށެވެ. ހަމަލާތަކުގައި މީހަކު މަރުވިކަމެއް ނުވަތަ ޒަހަމްވި ކަމެއް ނުބުނެ އެވެ.

ހޫތީންނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ދޭން އެމެރިކާއިން ފެށީ ރަތް ކަނޑު އަދި ގަލްފް އޮފް އަދަންގައި ހޫތީން އުޅަނދުތަކަށް އަލުން ހަމަލާދޭން ފެށިކަން އިއުލާނުކުރުމާ އެކުގަ އެވެ. ހޫތީންގެ ހަމަލާތަކަކީ އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުމަށް ދޭ ހަމަލާތަކެއް ކަމަށް އެ ޖަމާއަތުން ބުނެ އެވެ. އެމެރިކާއިން ބުނެފައިވަނީ ހޫތީންނަށް ހަމަލާ ދިނުން ހުއްޓާލާނީ ހޫތީން އުޅަނދުތަކަށް ހަމަލާ ދިނުން ހުއްޓާލުމުން ކަމަށެވެ.

ހަމަލާ ދިން ފުރަތަމަ ރޭ ޔަމަނުން 53 މީހަކު މަރުވި ކަމަށް ހޫތީން ވަނީ ކުރިން ބުނެފަ އެވެ.

އެމެރިކާއިން ހަމަލާދޭން ފެށުމުން ހޫތީން ވަނީ އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ވެސް ދެން ހަމަލާ ދޭނެ ކަމަށް ބުނެފަ އެވެ. އަދި ބައެއް ހަމަލާތައް ދިން ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެމެރިކާއިން ބުނީ ހޫތީން ހަދަނީ ދޮގު ކަމަށާއި އެމެރިކާގެ އަސްކަރީ އުޅަނދަކަށް ހަމަލާ ނުދޭ ކަމަށެވެ.

ހޫތީން އެންމެ ފުރަތަމަ އުޅަނދުތަކަށް ހަމަލާދޭން ފެށީ އިޒްރޭލުން 2023 ވަނަ އަހަރު ޣައްޒާއަށް ހަމަލާ ދޭން ފެށުމާ އެކުގަ އެވެ. އިޒްރޭލަށް ތާއީދުކުރާ ގައުމުތަކާއި ވިޔަފާރިތަކުގެ އުޅަނދުތަކަށް އަމާޒުކުރާ ކަމަށް ބުނާ ހަމަލާތައް މިދިޔަ ޖެނުއަރީ މަހު އިޒްރޭލުން ހަމަލާތައް މެދުކަނޑާލުމުން ހޫތީން ހުއްޓާލި އެވެ. އެކަމަކު މި މަހު އަލުން ހަމަލާތައް ފެށުމާ އެކު ހޫތީން ވެސް ހަމަލާތައް ފެށީ އެވެ.