Roadha Mihaaru

ޔުމްނު އަށް އިންސާފު ހޯދައިދޭން ގޮވާލައި ޕެޓިޝަނުގައި 6،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށާއި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ސޮއިކުރަން ފެށި ޕެޓިޝަނުގައި މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

ޕެޓިޝަނުގައި 6000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

26 އެޕްރީލް 2025

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށާއި ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ގޮވާލައި ޒުވާނުން އިސްނަގައިގެން ސޮއިކުރަން ފެށި ޕެޓިޝަނުގައި މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

އޮންލައިންކޮށް ސޮއިކުރަމުންދާ ޕެޓިޝަނުގައި މި ވަގުތާ ހަމައަށް 6،727 މީހަކު ސޮއިކޮށްފައިވެ އެވެ.

ޕެޓިޝަންގައި ގޮވާލާފައިވަނީ ތަހުގީގުގެ ހުރިހާ ހޯދުންތަކެއް އާންމުކުރުމަށާއި ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް އެކުގައި ޝާމިލްވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން މި މައްސަލަ ގާތުން ބެލުމަށް ވެސް ޕެޓިޝަނުގައި ގޮވާލާފައިވެ އެވެ.

ޔުމްނު އަށް އިންސާފު ހޯދައިދިނުމަށާއި ހަމަހަަކަމާއި އިންސާފުވެރި ދައުލަތެއް ގާއިމްކުރަން ގޮވާލައި ޒުވާނުން ފަށާފައިވާ ސިލްސިލާ މުޒާހަރާ ތިން ރޭ ކުރިއަށް ގެންގޮސްފައިވާއިރު، އެ މުޒާހަރާގައި ބައިވެރިވާ މީހުންގެ އަދަދު ދަނީ ގިނަމުންނެވެ. ރޭ މުޒާހަރާގައި ވެސް ޒުވާނުންގެ ގިނަ ޑިމާންޑްތަކެއް އިއްވާފައިވެ އެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ (ގުދަން ހުރި ގެ) މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން އޭނާއާ އެކު އެ ވަގުތު އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް އިއްޔެ ވަނީ އިތުރުކޮށްފަ އެވެ.

ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު، ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި ރައުދުއާއި ޔުމްނު އާ ދެމެދު އެ ރޭ ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ.

އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ކޯޓުގައި ވެސް ފުލުހުން ބުނީ، ޔުމްނު ވެއްޓުމަށް ފަހު އޭނާ ހޯދުމަށް ރައުދު މަސައްކަތް ކުރާ ކަން ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ރިޕޯޓެއް ފުލުހުން ހުށަހަޅާފައިވާ ނުވާ ކަމަށް ބުނެފައިވެ އެވެ.

ރައުދުގެ ދިފާއުގައި އޭނާގެ ވަކީލު ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި ރައުދު އަކީ ޒިންމާދާރު މަގާމެއް ހުރި މީހެއް ކަމަށާއި މިފަދަ ކުށުގެ އެއްވެސް ރެކޯޑެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.