Roadha Mihaaru

ޒުވާނުންގެ މުޒާހަރާތަކުގައި އެމްޑީޕީން ބައިވެރިވާން ނިންމައިފި

އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދަދިނުމަށް ޒުވާނުން މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގައި ބައިވެރިވާން އެމްޑީޕީން މިރޭ ނިންމައިފި އެވެ.

ޒުވާނުންގެ މުޒާހަރާތަކުގައި އެމްޑީޕީން ބައިވެރިވަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

02 މެއި 2025

އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދަދިނުމަށް ޒުވާނުން މާލޭގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގައި ބައިވެރިވާން އެމްޑީޕީން މިރޭ ނިންމައިފި އެވެ.

އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވަނީ ޒުވާނުންގެ މުޒާހަރާ ހުއްޓުވަން ފުލުހުން ބާރުގެ ބޭނުންކޮށްގެން އެ ޒުވާނުންނަށް އަނިޔާކޮށް، ބައެއް ޒުވާނުން ހައްޔަރުކުރަމުން ދާތީ ކަމަށް ބުނެ އެވެ.

އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ އެ މުޒާހަރާގެ ޒުވާނުން އެ މީހުންނަށް ބޭނުންވާ އާލަތާތްތައް ފޯރުކޮށްދިނުމަށާއި އެ މީހުންނަށް ބޭނުންވާ "މޯރަލް ސަޕޯޓް" ދިނުމަށް އެމްޑީޕީގައި އެދިފައިވާ ކަމަށެވެ. އެހެންވެ، އެ ޕާޓީން އެ ސަޕޯޓް ޒުވާނުންނަށް ދިނުމަށް ފަހަތަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހައްގުތައް ހޯދާ ކަމަށް ވަންޏާ، ޕާޓީއަކުން ކުރި ކަމަށް ވިޔަސް، ވަކިވަކި ފަރުދުން ކުރިކަމުގައި ވިޔަސް، ކޮންމެ ކަމަކީ ވެސް ސިޔާސީ ކަމެއް. ޒުވާނުންގެ މި ހަރަކާތަކީ ސިޔާސީ ޕާޓިއަކުން ހިންގާ ކަމެއް ނޫން. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް އޭގެ އަސަރުކުރާނެ ގޮތްތަކަކަށް އެ ބޭފުޅުންގެ އެ އިހުތިޖާޖުކުރުމާ ދޭތެރޭގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން އަޅުގަނޑުމެންނަށް އެކަމާ ކަންބޮޑުނުވެ ތިބެވޭކަށް ނެތް،" ފައްޔާޒް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީގެ އާންމު މެމްބަރުން ވެސް ވަނީ ޒުވާނުންގެ މުޒާހަރާ ހުއްޓުވަން ސަރުކާރާއި ފުލުހުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެފަ އެވެ. އަދި ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، ބައެއް ޒުވާނުން ހައްޔަރުކުރުމުން އެކަން ކުށްވެރި ކުރި އެވެ.

ޔުމްނު އަށް އިންސާފު ހޯދައިދޭން ގޮވާލައި، ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ރޭ ބޭއްވި މުޒާހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަނީ ރޫޅާލައިފަ އެވެ. އެ މުޒާހަރާ ރޫޅާލި މިއީ ފުރަތަމަ ފަހަރެވެ. މުޒާހަރާ ރޫޅާލުމަށް ޕެޕާ ސްޕްރޭ ވެސް ފުލުހުން ރޭ ބޭނުންކުރި އެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ދެ މީހަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.

ސަރުކާރުން މިއަދު ވަނީ ފުލުހުންގެ ހުއްދަ ނެތި މާލޭގައި އެއްވެ އުޅެވޭނެ އިތުރު ތިން ސަރަހައްދެއް ކަނޑައަޅައިފަ އެވެ. އެއީ ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނު ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދެވެ. އެ ނޫން ސަރަހައްދުތަކަށް އެއްވާ ނަމަ، އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ފުލުހުން މިރޭ ވަނީ ދީފަ އެވެ.