Roadha Mihaaru

ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން މިރޭ ވެސް ނުކުމެއްޖެ

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި މިރޭ ވެސް ޒުވާނުން މުޒާހަރާއަށް ނުކުމެއްޖެ އެވެ.

ޔުމްނުއަށް އިންސާފުހޯދަން ގޮވާލައި މިރޭ ވެސް ނުކުމެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

24 އެޕްރީލް 2025

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ގާއިމްކޮށްދިނުމަށް ގޮވާލައި މިރޭ ވެސް ޒުވާނުން މުޒާހަރާއަށް ނުކުމެއްޖެ އެވެ.

މި މައްސަލާގައި ގިނަ އަދަދެއްގެ ޒުވާނުން ރޭ ވެސް ވަނީ ފުލުހުން ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ހުންނަ ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމައްޗަށް އެއްވެ އަޑު އުފުލައިފަ އެވެ.

ފުލުހުން މިރޭ ވަނީ ޕޮލިސް ސްޓޭޝަނާ ކައިރި ނުވެވޭ ގޮތަށް އެ ސަރަހައްދުގައި ބެރިކޭޑް ޖަހައިފަ އެވެ. އެހެންވެ، މުޒާހަރާގެ ބައިވެރިން މިހާރު ވަނީ އެ ސަރަހައްދުގައި މަޑުކުރުމަށް ފަހު، އަޑު އުފުލަމުން ރަށްދެބައިމަގާ ހަމައަށް ގޮސްފަ އެވެ. ނަމަވެސް، ފުލުހުން އެ ސަރަހައްދު ވެސް ބަންދުކުރުމުން، މުޒާހަރާ ވަނީ މަޖީދީ މަގުން އައިސް ޗާންދަނީ މަގަށް ބަދަލުކޮށްފަ އެވެ.

މިރޭ ވެސް އަޑުއުފުލަމުން ދަނީ މި މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ މެދުގަ އެވެ.

ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓަކުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މައްސަލާގައި އެ ރޭ އޭނާއާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލް ފުލުހުން މިރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން މިއަދު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލައާ ގުޅިގެން މއ. މާންދޫގެ ދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ބަލައި ފާސްކޮށްފައިވެ އެވެ.

ޔުމްނު އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

ފެންޓެނޯއީގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.