Roadha Mihaaru
ލޭތަކެއްގެ ތެރޭގައި އޮތް މީހާއާ އެހެން މީހަކާ ގުޅުމެއް ނެތް

ލޭތަކެއްގެ ތެރޭގައި އޮއްވައި ފެނުނު ޒުވާނާއާ އެހެންމީހަކާ ގުޅުމެއް ނެތް: ފުލުހުން

24 މެއި 2021

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ގެސްޓް ހައުސްއެއްގެ ކައިރީގައި، ޒަހަމްތަކަކާއެކު ލެއިން ފޯވެފައި އޮތް ޒުވާނާ، އެ އިމާރާތުގެ މަތިން ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ގެސްޓް ހައުސްއެއްގެ ކައިރީގައި، ޒަހަމްތަކަކާއެކު ލެއިން ފޯވެފައި އޮތް ޒުވާނާ، އެ އިމާރާތުގެ މަތިން ވެއްޓުމުގައި އިތުރު މީހެއްގެ އަތެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނިރޮޅުމަގުގެ ހަ ނަމްބަރު ގޯޅީގައި ހުންނަ ގެސްޓް ހައުސް ކައިރީގައި އޮއްވައި އެ ރޭ ދަންވަރު ފެނިފައިވަނީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. އޭނާ އިމާރާތެއްގެ މަތިން ވެއްޓުނުތަން މީހަކަށް ނުފެނެ އެވެ. އެކަމަކު ގެސްޓް ހައުސް ކައިރީގައި ލޭތަކުގެ މަތީގައި މީހަކު އޮތްތަން ފެނިގެން ފުލުހުންނަށް ބަޔަކު ރިޕޯޓު ކުރީ އެވެ.

ފުލުހުން ބުނިގޮތުގައި، އެ ޒުވާނާ ވެއްޓުނީ ހަ ބުރީގެ އިމާރާތަކުން، ޖެހިގެން ހުރި ތިން ބުރީގެ އިމާރާތް (ގެސްޓް ހައުސްގެ) ޓެރަސް މައްޗަށެެވެ. ބިންމައްޗަށް އޭނާ ވެއްޓުނީ އެތަނުންނެވެ.

ފުލުހުން ބުނީ އޭނާ ވެއްޓުމުގެ 10 މިނިޓެއްހާއިރު ކުރިން، ހަ ބުރީގެ އިމާރާތަށް އެކަނި ގޮސް ވަންނަ މަންޒަރު، ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށެވެ.

ގެސްޓް ހައުސް ހުންނަ އެ އިމާރާތުގެ ވެރިމީހާ ވެސް "މިހާރު" އަށް ބުނެފައި ވަނީ، ޓެރަސްގައި ގިނަ އަދަދެއްގެ ލޭ ހުރި އިރު، އެތަނުގެ މަތީގައި ބަހައްޓާފައި ހުރި ސޯލާ ޕެނަލް ވެސް ހަލާކުވެފައިވާ ކަމަށެވެ. އޭރު ވެސް އޭނާ ގަބޫލުކުރީ، އެ ޒުވާނާ ވެއްޓުނީ ޖެހިގެން ހުރި ހަ ބުރީގެ އިމާރާތުން ކަމަށެވެ.

ޓެރަސްމަތީގައި ލޭގެ ކޯރު ހެދިފައިވާއިރު، އެތަނަށް ވެސް ވަނީ ގެއްލުން ވެފަ އެވެ. ޓެރަސްގެ ބިއްލޫރިން ހަދާފައިވާ ބެލްކަނީގެ ރެއިލިން ވެސް ހުރީ ތަޅައިގެން ގޮސްފަ އެވެ.

ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި އަދި މަންޒަރު ދުށް ބައެއް މީހުން ބުނާގޮތުން، އެ ޒުވާނާ އެރޭ، ހުޅުމާލޭގެ މަގުތައް މަތީގައި އަޑުގަދަކޮށް، އެކި ކޮޅުކޮޅަށް ދުވުނެވެ.

ބޮޑެތި ޒަހަމްތަކަކާއެކު އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުން އަންނަ ޒުވާނާގެ ހާލު އަދިވެސް ވަރަށް ސީރިއަސް އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ހޭނެތިފައި ކަމަށް ވެ އެވެ.