Roadha Mihaaru
މައިމޫނާގެ ފްލެޓް ކައިރިއަށް މިރޭ ވެސް އެއްވެއްޖެ

މައިމޫނާގެ ފްލެޓް ކައިރިއަށް މިރޭ ވެސް ޒުވާނުންތަކެއް އެއްވެ، އަޑުއުފުލައިފި

30 އެޕްރީލް 2021

ޑިރެކްޓަ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ފްލެޓް ކައިރިއަށް މިރޭ ވެސް ޒުވާނުންތަކެއް އެއްވެ އޭނާއާ ދެކޮޅަށް އަޑުއުފުލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޑިރެކްޓަ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ފްލެޓް ކައިރިއަށް މިރޭ ވެސް ޒުވާނުންތަކެއް އެއްވެ އޭނާއާ ދެކޮޅަށް އަޑުއުފުލައިފި އެވެ.

މައިމޫނާއަކީ، ކޮވިޑާ ގުޅިގެން އަޅާ ފިޔަވަޅުތައް އިއުލާން ކުރެއްވުމާއި އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެންގުމުގައި ގާނޫނީ ގޮތުން ހަވާލު ހުންނެވި ފަރާތެވެ. މަގާމުގެ ހައިސިއްޔަތުން އޭނާ އަށް އެ ބާރު ލިބިދެނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ހުޅުމާލޭގައި ދިރިއުޅުއްވާ މައިމޫނާގެ ފްލެޓް ކައިރިއަށް ޒުވާނުންތަކެއް އެއްވެ، އިހުތިޖާޖު ކުރާތީ އަދިވެސް އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މިރޭ ނުވައެއް ޖެހިއިރު ފެށިގެން ޒުވާނުން އެ ފްލެޓް ކައިރީގައި އިހުތިޖާޖުގައި ތިބިއިރު އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ފުލުހުން ވަނީ ޓޭޕް ދަމައިފަ އެވެ. އެކަމަކު، އިރުކޮޅެއް ފަހުން ފެނުނީ އެ ޒުވާނުންތައް އެ ސަރަހައްދުގައި ފުޓުބޯޅަ ކުޅެން ފެށިތަނެވެ.

ރޭ ވެސް ޒުވާނުންތަކެއް ވަނީ މައިމޫނާގެ ފްލެޓުގެ ދޮށަށް އެއްވެ އޭނާގެ އިސްތިއުފާ އަށް ގޮވާލައިފަ އެވެ.

އެ މީހުންގެ މައިގަނޑު ޝަކުވާއަކީ އެޗްޕީއޭގެ އުސޫލުތަކާ ހެދި ފުޓްބޯޅަ މުބާރާތެއް ހުއްޓުވާފައިވުމެވެ.

ހުޅުމާލޭގައި އެ މުބާރާތް ފެށިތަނާހެން، އެ މުބާރާތް ހުއްޓުވުމުން ޒުވާނުން ހިތްހަމަނުޖެހުން ފާޅުކޮށްކުރަމުންދާއިރު އެ މުބާރާތް ފުލުހުން ހުއްޓުވީ އެޗްޕީއޭގެ އެންގުމަށް ކަމަށް ވެ އެވެ.

ޒުވާނުންގެ ކަންބޮޑުވުމަކީ ކޮވިޑް ފެތުރޭތީ ކަމަށް ބުނެ މުބާރާތް ހުއްޓުވިއިރު، މާބޮޑު ފިޔަވަޅުތަކެއް ނާޅައި ދޫދީފައި އޮތުމެވެ. އަދި އެއް އުސޫލަކުން އެންމެންނާ މެދު އަމަލު ނުކުރާތީ ވެސް އެ ޒުވާނުންގެ ހިތްހަމަނުޖެހުން ބޮޑެވެ.